ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް)ގެ ސްކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމު ފުރުއްވަން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު، އެ މަގާމުގެ ދައުރު ނިމުމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެއަށް ވަޑައިގެންފިއެވެ.
ރައީސް ނަޝީދު ސިޔާސީ ކަންކަމުން އެއްފަރާތަށް ޖެހިވަޑައިގެންކަން އިއުލާނުކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު ގައެވެ. އަދި ސީވީއެފްގެ އެސްޖީ ކަމުގެ މަގާމަށް އެއިރު ވަޑައިގެންނެވިއެވެ.
އޭގެ ފަހުން ވެސް ބައެއް ކެމްޕޭންތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ މަނިކުފާނު ރާއްޖެ ވަޑައިގެންނެވިއެވެ. އަދި، މި ފަހުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފަހު، އެމަނިކުފާނު އަންނަނީ ވަރަށް ބޮޑަށް އަނެއްކާ ވެސް ސިޔާސީ ކަންކަމުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
ސީވީއެފްގެ ރަސްމީ ވެބްސައިޓުގައި ވާގޮތުން ނަޝީދުގެ އެސްޖީކަމުގެ ދައުރު މިހާރު ވަނީ ހަމަވެފައެވެ. އަދި މިއަދުގެ ވަގުތެއްގައި ރައީސް ނަޝީދު ވަނީ އެނބުރި ރާއްޖެ ވަޑައިގެންފައެވެ.
އެމަނިކުފާނު އެނބުރި ވަޑައިގެންނެވިއިރު، އިދިކޮޅު އެމްޑީޕީން ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުން ވެސް އެ މަނިކުފާނަށް ގޮނޑިއެއް ދޭން ނިންމާފައެވެ. އެފަދައިން ނިންމީ އެ ޕާޓީގެ އެތެރޭގައި މި ފަހުން އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު، އެމްޑީޕީގެ ގައުމީ މަޖިލީހުންނެވެ.



