ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުން މާދަމާ އޮންނާނެއެވެ.
ދެވަނަ ބުުރުގެ ވޯޓުލުން ކުރިއަށް ދާނީ މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވެއެވެ.
މާދަމާ ވޯޓުލުން ކުރިއަށްދާއިރު މިއަދު އިރުއޮއްސި 6:00 ޖެހުމުން ފެށިގެން އާދިއްތަ ދުވަހު ހެނދުނު 6:00 ޖެހުމާހަމައަށް ކެމްޕެއިން ކުރުން މަނާ ވާނެއެވެ.
އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން 5 ދާއިރާއެއްގައި ކުރިއަށްދާނެއެވެ. ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑިއެކެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ.ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ.ނޭކުރެންދޫ އަދި ލ.މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.
އީސީން ބުނިގޮތުގައި އިންތިޚާބުގެ ދެވަނަ ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެއީ ދެވަނަ ބުރަށް ދިޔަ ދާއިރާތަކާއި މާލޭގައެވެ. އެގޮތުން، ކެލާ އާއި މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި 2 ފޮށި، ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި ފޮއްޓެއް ބަހައްޓަން އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.




