އުމުރުން 8 އަހަރުގެ ކުޑަ ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، އަޕަރ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެފަދަ އަމަލެއް ހިންގި މައްސަލައެއް މިއަދު 13:10 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
މި ހާދިސާ ދައްކުވައިދޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯތަކުން ފެންނަނީ ކުޑަ އަންހެން ކުއްޖަކު ފުރަގަހަށް ދެ އަތްލާފައި، ބަނދެފައި ހުރި މަންޒަރެވެ.
މި ހާދިސާ ހިނގާފައިވަނީ އުތުރުގެ ރަށެއްގައިކަން އެނގިފައިވެއެވެ.




