ރާއްޖެއަށް ދިގު މުއްދަތަކަށް އަސާސީ މުދާ ލިބޭނެ ގޮތްތައް ފަހިކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އެ މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ޔޫސުފް ރިޒާ ވިދާޅުވީ ކާރިސާގެ ހާލަތްތަކުގައި ފަތުރުވެރިކަމަށް އެކަނި ރާއްޖެ ބަރޯސާވެފައި އޮތުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.
ގައުމަކަށް ބަލާއިރު ސިންދަފާތު ކުރެވިފައިވާ އިގްތިސާދެއް އޮތުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރިޒާ ވިދާޅުވީ އިގްތިސާދީ އެހެނިހެން ދާއިރާތަކުން ރާއްޖޭގައި އިންވެސްޓުކުރުމަށް ބާރުއަޅައި އެކަންކަން ފަހިކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ އަސަރުތަކެއް ކުރާކަމަށާއި އަދި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވީ ހިނދު އަސާސީ މުދާ އެތެރެކުރުމުގައި ވެސް ގޮންޖެހުންތަކަކާ ކުރިމަތިވީކަމަށް ރިޒާ ވިދާޅުވި އެވެ.
މީގެއިތުރުން މެދުއިރުމަތީގެ ހާލަތާ ގުޅިގެން ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމަށާއި އަސާސީ މުދާ ލިބިދިނުމުގައި ރައްޔިތުންނަށް އޭގެ ތަކްލީފުތައް އުފުލަން ނުޖެހޭނެ ފަދަ ގޮތަކަށް ސަރުކާރުން އަމަލު ކުރަމުން އަންނަކަމަށް ރިޒާ ވިދާޅުވިއެވެ.



