މިއަހަރުގެ މިހާތަނަށް ގްރާންޓާއި ސަބްސިޑީގެ ގޮތުގައި 2.7 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 8 އިންސައްތަ އިތުރު އަދަދެކެވެ.
ފިނޭންސުން އެންމެ ފަހުން އާންމުކޮށްފައިވާ ”ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް“ ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ އެޕްރީލް މަހުގެ 2ވަނަ ދުވަހާއި ހަމައަށް ދައުލަތުގެ ބަޖެޓުން ގްރާންޓް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެގޮތުގައި ޖުމްލަ 2.7 ބިލިޔަން ރުފިޔާ ޙަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 2.5 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 8 އިންސައްތައިގެ އިތުރުވުމެކެވެ.
މި މުއްދަތުގެ ތެރޭގައި ސަބްސިޑީއަށްކުރި ޚަރަދު އިތުރުވެފައިވީނަމަވެސް އާސަންދައަށްކުރި ޚަރަދު ވަނީ ދަށްވެފައެވެ. މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އާސަންދަ ސްކީމްތަކަށް 436.7 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ބަޖެޓުން އާސަންދައިގެ ސްކީމްތަކަށް ޚަރަދުކޮށްފައިވަނީ 607.8 މިލިޔަން ރުފިޔާއެެވެ. އެހެންކަމުން މިއީ 28 އިންސައްތަ ދަށް އަދަދެކެވެ.
މިއަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވަނީ 2.02 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓުގައި މިހާރު ބާކީ އިނީ ގާތްގަނޑަކަށް 1.58 ބިލިޔަން ރުފިޔާއެވެ.
އާސަންދައަށް ކުރި ޚަރަދު ދަށްވެފައިވީނަމަވެސް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރި ޚަރަދުވެސް ވަނީ ދަށްވެފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް 44 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްތަދުގައި މިކަމަށް ޚަރަދުކޮށްފައިވަނީ 81 މިލިޔަން ރުފިޔާއެވެ. ޢެހެންކަމުން މިއީ 45 އިންސައްތަ ދަށް އަދަދެކެވެ.



