މެދުއިރުމަތީގެ ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުން ހުއްޓާލައި، ސުލްހަވެރިކަން ގާއިމުކުރުމަށްޓަކައި އެމެރިކާގެ އިސްނެގުމާ އެކު ޔަހޫދީ އިޒްރޭލާއި ލުބުނާނާ ދެމެދު ހަމަލާތައް ހުއްޓައިލުމަށް ވެވުނު ތާރީހީ އެއްބަސްވުމަށް، ރާއްޖެއިން މިއަދު މަރުހަބާ ކިޔައިފިއެވެ.
އެގޮތުން، އިޒްރޭލުން ހިޒްބުﷲ ޖަމާއަތަށް އަމާޒުކޮށް ކަމަށް ބުނެ ލުބުނާނުގެ ބިމަށް ދެމުންގެންދިޔަ އުދުވާންތައް ނިމުމަކަށް ގެނައުމަކީ، މުޅި މެދުއިރުމައްޗަށް އަމާންކަން ގެނެސްދޭނެ ހަރުދަނާ ފިޔަވަޅެއްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ. އަދި މި މުހިންމު އެއްބަސްވުމަށް ވާސިލުވުމުގައި ލުބުނާނާއި އެމެރިކާގެ ސަރުކާރުން އަދާކުރި އިސް ދައުރަށް ދިވެހި ދައުލަތުން ވަނީ ޝުކުރުވެރިވެފައެވެ.
މީގެ އިތުރުން، މި ފަދަ ދަނޑިވަޅެއްގައި އާންމު ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަކީ އެންމެ އިސްކަންދޭންޖެހޭނެ ކަންތައްކަން ބަޔާނުގައި އަލިއަޅުވައިލާފައިވެއެވެ. ހަމައެއާ އެކު، ބައިނަލްއަގުވާމީ ވިޔަފާރީގެ ނިޒާމު ރައްކާތެރިކަމާ އެކު ދެމެހެއްޓުމަށްޓަކައި ކަނޑުމަގުން ކުރެވޭ ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުވެފައި އޮތުމުގެ މުހިންމުކަން ވެސް ރާއްޖެއިން ވަނީ ހާމަކޮށްފައެވެ.
ސަރަހައްދީ ފެންވަރުގައި އުފެދިފައިވާ ބޮޑެތި މައްސަލަތަކަށް ދާއިމީ އަދި ސުލްހަވެރި ހައްލެއް ހޯދޭނީ ހަމައެކަނި ޑިޕްލޮމެސީއާއި މަޝްވަރާގެ އުސޫލުތައް ކުރިއަށް ނެރެގެންކަން ދިވެހި ސަރުކާރުން ގަބޫލުކުރެއެވެ. އެހެންކަމުން، މެދުއިރުމަތީގެ ހަމަޖެހުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންގެންދާ އެންމެހާ މަސައްކަތްތަކަށް ރާއްޖޭގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ.



