ހުޅުމާލެ ހޮސްޕިޓަލުގެ މެޑިކަލް އަދި ޕީޑިއެޓްރިކް ވޯޑަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރެއަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ހަލީމް ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ މެޑިކަލް އަދި ޕީޑިއެޓްރިކް ވޯޑަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ”އަހާށޭ ބުނާނަން“ ޕްރޮގްރާމްގައި ވާހަކަދައްވަމުން ހަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެނދުގެ ޖާގައިގެ ދަތިކަންކަމަށެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި 28 އެނދުގެ ވޯޑެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެ މަސައްކަތް މިއަހަރުގެ މެދުތެރެއަށް ނިންމާލުމަށް އަމާޒުހިފާފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ.
ސީއީއޯ ހަލީމް އިތުރަށް ވިދާޅުވީ އެނދު އިތުރުކުރުމުގެ މަސައްކަތުގެ އިތުރުން އިތުރު ޚިދުމަތްތައް ފެށުމަށްވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު އެމްއާރްއައި މެޝިނަކާއި އެކްސްރޭ މެޝިންތައް ހުޅުމާލެ ހޮސްޕިޓަލްގައި ބަހައްޓާނެކަމަށެވެ.




