ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތުގެދަށުން މިހާތަނަށް 160 އަށްވުރެ ގިނަ ބިން ހަވާލުކޮށްފައިވާކަމަށް ހައުސިންގް މިނިސްޓްރީން ބުނެފިއެވެ.
ގުޅިފަޅުން އަލުން ބިން ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ، އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުގެ ދަށުންނެވެ. ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ، އެތަނުގައި ދިރިއުޅޭނެ އާބާދީއަށް އެކަށީގެންވާ ޚިދުމަތްތައް ޤާއިމުކުރުމަށް ބޮޑެތި ބަދަލުތައް ގެނައުމަށްކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އެތަނުން ބިން ލިބުނު މީހުންނަށް ގޯތި ލިބޭ ސަރަޙައްދާއި ޕްލޮޓް ކަނޑައެޅުމަށް، އާ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ވަނީ ގުރުއަތު ވެސް ނަގާފައެވެ.
އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.
އެގޮތުން މިހާތަނަށް 2972 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ހައުސިންގް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން ޖުމުލަ 169 މީހުންނަށް މިހާރު ވަނީ ބިން ހަވާލުކޮށްފައެވެ.
ގުޅިފަޅުން ދޫކުރާ ގޯތީގެ ތަފްސީލް:
1250 އަކަފޫޓުގެ 669 ގޯތި
1650 އަކަފޫޓުގެ 1234 ގޯތި
2050 އަކަފޫޓުގެ 916 ގޯތި
2450 އަކަފޫޓުގެ 473 ގޯތި
2850 އަކަފޫޓުގެ 158 ގޯތި
3250 އަކަފޫޓުގެ 49 ގޯތި
3650 އަކަފޫޓުގެ 21 ގޯތި




