މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެސިޑެންޓްސް އެޕާޓްމަންޓަކުން މި މަހުގެ 16 ވަނަ ދުވަހު ވައްކަން ކުރި މައްސަލައެއްގައި، އިތުރު މީހަކު ވެސް ހައްޔަރުކޮށްފިއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ 17:49 ހާއިރެވެ.
އެގޮތުން މި ވައްކަމުގައި ޖުމްލަ 4،000،000 (ހަތަރު މިލިއަން) ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމަށާއި، އެ ފައިސާގެ ތެރެއިން ހޯދިފައިވަނީ 50،000 (ފަންސާސް ހާސް) ދިވެހި ރުފިޔާ ކަމުގައި ފުލުހުން އެއިރު ވަނީ ބުނެފައެވެ.
މި މައްސަލައިގައި ކުރިން ތުހުމަތު ކޮށްފައިވަނީ ފަސް މީހަކަށެވެ. އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް، ފަސްވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން އެއިރު ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ކުރިން ހައްޔަރުކޮށްފައިވަނީ ކަސްތޫރިމާގެ / ޅ.ނައިފަރު، މުޙައްމަދު ނޫރު އަޙްމަދު (40އ) އާއި މޫންލައިޓްވިލާ / ސ.މީދޫ، މުޙައްމަދު އަފްރާޙް (40އ) އާއި ދާރުލް އައްވަލް / ރ.މަޑުއްވަރި، އިސްމާޢީލް ޢާޞިފް (36އ) އަދި މ. އޭސިއާ / މާލެ، އަޙްމަދު ފާރިސް (39އ) އެވެ.
މި މައްސަލައާ ގުޅިގެން ހިމެނޭ ފަސްވަނަ މީހަކަށް ހައްޔަރުކޮށްފައިވަނީ ޖަޒީލާމަންޒިލް / ހދ.ނޮޅިވަރަންފަރު، ޖަޒީލު މުޙައްމަދު (47އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުންނެވެ.




