އިދިކޮޅު އެމްޑީޕީން މިފަހަކަށް އައިސް މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަނީ މި ސަރުކާރު ގޯސްވެގެނެއް ނޫން ކަމަށާއި އެއީ އެ ޕާޓީގެ އެތެރޭގެ އިންތިހާބަށް ފޮޓޯ ހޯދަން ކުރާ މުޒާހަރާތަކެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
”އެކްސް“ ގައި ޝުޖާއު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ މަގުތައް ހަލަބޮލިކޮށް ރައްޔިތުންނަށް ދަތިވާގޮތައް ކޮންމެ ރެއަކު ކުރާ މުޒާހަރާތަކަކީ މި ސަރުކާރުން ވަކިކަމެއް ގޯސްކޮށް ކޮށްގެން ނުވަތަ ކުރާތީ ކުރާ މުޒާހަރާތަކެއް ނޫން ކަމަށެވެ.
”އިދިކޮޅު ޕާޓީގެ ލީޑަރުން ތިއްބެވީ ހެޔޮހާލުގައި ގޭގަ. ނުހައްޤުން ޖަލުގައި ހުރި އެކަކުވެސް ނެތް. ސިޔާސީ އަނިޔާ ލިބެމުންދާ އެކަކުވެސް ނެތް. ރައީސުލްޖުމްހޫރިއްޔާ ރަނގަޅު ކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަންކަން ރަގަޅު ކުރައްވައި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރެއްވުމަށް ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުން. މިމުޒާހަރާތަކަކީ ކުރިއަށްއޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ވާދަކުރައްވާ އެޕާޓީގެ މެމްބަރުން ބޭނުންވާ ފޮޓޯ ހޯދަން ކުރާ މުޒާހަރާތަކެއް. ޤުރުބާންވީ ތިމަންނައޭބުނެ ޕާޓީގެ މެމްބަރުންނަށް ދައްކަން ކުރާ ކަމެއް.“ ޝުޖާއު ވިދާޅުވިއެވެ.
މީގެއިތުރުން މެމްބަރު ޝުޖާއު ވިދާޅުވީ، މާލެއާއި މާލޭގައި ދިރިއުޅުއްވަމުން ގެންދަވާ ލޮބުވެތި ރައްޔިތުންނަށް އެއްވެސް އަސާސެއްނެތި މިގޮތައް ކުރެވޭ އުނދަގޫތަކަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމެއް ކަމަށެވެ.



