ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހޮވޭ ޕާޓީން ވަކިކުރުމުން، މެންބަރުކަމުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.
ސަރުކާރުން ގާނޫނުއަސާސީއަށް އެ އިސްލާހު ގެނައީ މިދިޔަ ނޮވެމްބަރު މަހުއެވެ. މަޖިލިހަށް ބިލް ވެއްދި ދުވަހު ފާސްކޮށް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވި އެ އިސްލާހުގައި ހިމެނޭ އެންމެ ބޮޑު ބަދަލަކީ ސިޔާސީ ޕާޓީން މެމްބަރަކު ވަކިކުރިޔަސް ގޮނޑި ގެއްލުމެވެ.
ނަމަވެސް އެ އިސްލާހުތައް ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް އެ މައްސަލަ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވިއެވެ.
ހަމައެޔާއެކު ދެ ކަމަކަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ. އެއީ:
° ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމާ ބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމުގެ ވަގުތީ އަމުރަކަށް
° ސުޕްރީމް ކޯޓުން އެ މައްސަލާގައި ގޮތެއް ނިމެންދެން ފަނޑިޔާރަކަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް
ނަމަވެސް ސްޕްރީމް ކޯޓުން މިއަދު ނިންމި ނިންމުމުގައި ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. ސަބަބަކަށް ކޯޓުން ބުނެފައިވަނީ:
° ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގައިވާ ކަންކަން ތަންފީޒުކުރުން ހުއްޓުވުމުގެ އަމުރެއް ނެރެފިނަމަ، އެ ކޯޓުގައި އޮތް އެޔާގުޅޭ މައުލޫއީ މައްސަލައަށް އަސަރުކުރާނެ ކަމަށް
° ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުން ހުއްޓުވުމުގެ އަމުރެއް ނެރުމަކީ ފަނޑިޔާރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއްގައި ފަނޑިޔާރުން އަމިއްލައަށް ގޮތެއް ނިންމުން މަނާކުރާ އުސޫލާ ހިލާފު ކަމެއް ކަމަށް




