މާލެއިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލުމަށް އިންޑިއާ ސަރުކާރުގެ ލޯނު އެހީގައި އަޅާ ބްރިޖު މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ މިންވަރު ވަރަށް ލަސްކަމަށާއި އެ މަޝްރޫއު ކުރިއަށްދާ ސްޕީޑާ ދޭތެރޭ ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބްރިޖު މަޝްރޫއާ ގުޅިގެން ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްދެމުން އަންނަ ކަމަށެވެ.
”މުއްދަތު އިތުރުކޮށްދެން ވެސް ވަރަށް ބޮޑަށް އެދިގެން އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލާފައި އިތުރަށް މުއްދަތު ވެސް ދީފިން. ހަމަ ޔަގީނުން ވެސް އަޅުގަނޑު ހިތްހަމައެއްނުޖެހޭ ދާ ސްޕީޑާ ދޭތެރޭ. އަޅުގަނޑު ހިތެއް ނުބުނޭ އެ ޕްރޮޖެކްޓު ދާ ސްޕީޑު ކަމުދާ ރައްޔިތަކު ހުންނާނެއެކޭ ވެސް. މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ޑޭޓޭއް ދިނިން. އެ ޑޭޓު ދިމައެއް ނުވި. އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް އެއަކު. ދެން މިފަހަރު ރިޔާސީ ބަޔާނުގައި ނުވެސް ގެންނަން އެ ބައެއް. ދެން ޕްރޮޖެކްޓު ނިމުނީމާ އަޅުގަނޑުމެން ވަރަށް އުފާކުރާނަން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މަޝްރޫއު ކުރިއަށްދާ ސްޕީޑު ލަސްވިނަމަވެސް، އެ މަސައްކަތް ކުރިއަށްދާ ކަމަށާއި ސަރުކާރުން ކޮށްދެންޖެހޭ ކަންތައް ފުރިހަމަކޮށްދެމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.




