ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުންދިޔަ ޑޮލަރު ސަޕޯޓް ހުއްޓާލާފައިވާކަމަށްބުނެ ދެކެވޭ ވާހަކަތައް ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) އިން ދޮގުކޮށްފިއެވެ.
މިކަމާ ބެހޭގޮތުން ބީއެމްއެލްއިން މިއަދު ބުނީ ވިޔަފާރިތަކަށް ޑޮލަރު ވިއްކަމުން އައި އުސޫލުން، ކޮންމެ ވިޔަފާރިއަކަށްވެސް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ޓީޓީ ފޮނުވުމަށް މެދުނުކެނޑި ޑޮލަރު ވިއްކަމުންދާ ކަމަށެވެ.
އެގޮތުން މިމަހުގެ ތެރޭގައިވެސް ޓީޓީއަށް ޑޮލަރު ބޭނުންވުމުން ކޮންމެ ކަސްޓަމަރަކަށްވެސް އެކަސްޓަމަރަށް ދެވޭނެ އެންމެ ބޮޑު އަދަދަކަށް ޑޮލަރު ވިއްކާފައިވާކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި މިހާތަނަށް ޓީޓީ ހަދަން ޑޮލަރުގެ އެހީއަށް އެދިފައިވާ އެއްވެސް ވިޔަފާރިއަކަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްނުދެވިފައި ނުވާކަން ވެސް ހާމަކުރިއެވެ.
އެހެންނަމަވެސް އެ ވިޔަފާރީގެ ޓީޓީއަށް ބޭނުންވާ ޖުމްލަ އަދަދު ބޭންކުން ނުދެވުން އެކަށީގެންވާކަަމަށް ބީއެމްއެލްއިން ބުންޏެވެ.
މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން، ބޭރުން ރާއްޖެއަށް ބޭންކް މެދުވެރިކޮށް އަންނަ ފައިސާއަށްވުރެ ރާއްޖެއިން ބޭރަށް ބޭންކް މެދުވެރިކޮށް ފޮނުވާ ފައިސާގެ އަދަދު މިދުވަސްކޮޅު އިތުރުވެފައި ވީނަމަވެސް، ބޭރު ފައިސާގެ ލިކުއިޑިޓީ ހަރުދަނާކަމާއެކު ބަލަހައްޓައި، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް ބީއެމްއެލްއިން ބުންޏެވެ.




