ދިވެހި ތާރީހުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގެވި މޭސްތިރިއާގެ ގޮތުގައެވެ. އެމަނިކުފާނު ކެބިނެޓުގެ ޕޯޓުފޯލިއާއަކަށް ފުރަތަމަ ވަޑައިގަތީ ރައީސް ޑރ. ވަހީދުގެ ކުރު ސަރުކާރުގައެވެ. އެ މުއްދަތުގެ ތެރޭގައި އުމްރާނީގޮތުން ގައުމު ކުރިއަށް ގެންދެވުމުގެ ތަފާތު މަސައަކްތައް އަމަލީ ގޮތުން ކުރެއްވެވިއެވެ.

ރައީސް ޔާމީނުގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު އެކުލަވާލި ކެބިނެޓުގައިވެސް ރައީސް މުއިއްޒު ހިމެނި ވަޑައިގަތީ ހައުސިން މިނިސްޓަރުކަމުގައެވެ. މިގޮތުން މި މަގާމުގައި ހުންނަވައިގެން ގައުމާއި ރައްޔިތުންނށް ރައީސް މުއިއްޒުވަނީ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަވާފައެވެ. މިގޮތުން؛
އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓޭޝަން ޕްރޮޖެކްޓުތައް
ސިނާ-މާލޭ ބުރިޖު (ޗައިނާ-މޯލްޑިވްސް ފުރެންޑުޝިޕް ބުރިޖު): ދިވެހިރާއްޖޭގެ ތަރައްގީގައި އަދި ހާއްސަކޮން މާލޭ ސަރަހައްދުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ ޗައިނާ-މޯލްޑިވްސް ފުރެނޑުޝިޕް ބުރިޖެވެ. މިއީ، ވެރިރަށް މާލޭ އާއި ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ފްލެގްޝިޕް މަޝްރޫއެކެވެ.

ޗައިނާގެ ސަރުކާރުގެ އެހީގައި އެޅި މި ’ސިނަމާލެ‘ ބުރިޖުގެ ހަގީގީ މޭސްތެރިއަކީ ރައީސް މުއިއްޒެވެ. މާލެއާއި ހުޅުމާލެ ގުޅާލުމަކީ ރައީސް މައުމޫނުގެ ސަރުކާރާއި ރައީސް ނަޝީދުގެ ސަރުކާރުންވެސް ދެކެމުން އައި ހުވަފެނެކެވެ. އެބޭފުޅުންގެ ނެތީ މި ފަދަ ބޮޑު ބިޔަ މަސައްކަތެއް ކުރުމުގެ ބުއްދިއެވެ. ހިކުމަތެވެ. ނަމަވެސް ރައީސް މުއިއްޒުވަނީ އެމަނިކުފާނުގެ މާލިމީކަމުގައި މި ބުރިޖުގެ ހުވަފެނުގައި ކުލަޖައްސަވާފައެވެ. ހަގީގަތަކަށް ހައްދަވައި ދެއްވާފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކުރުން: ފަތުރުވެރިންގެ ދަތުރުފަތުރު އިތުރުކުރުމަށް އާ ރަންވޭއަކާއި ޓާމިނަލެއް އަދި އެއާ ގުޅުންހުރި ވަސީލަތްތައް އެޅުމަށް ގާތްގަނޑަކަށް 800 މިލިއަން އެމެރިކާ ޑޮލަރު ހަރަދު ކުރައްވައިގެން ހިންގަވާ ބިޔަ ބޮޑު މަޝްރޫއުގެ ކުރެޑިޓު ހައްގުވާ ފަރާތަކީ ރައީސް މުއިއްޒެވެ. މިގޮތުން، އެއާޕޯޓުގެ އާ ރަންވޭއެއް އެޅުއްވިއެވެ. ބޯޓުތަކުގެ ޕާކިން އިތުރުކުރެއްވިއެވެ. ރަނގަޅު ފެންވަރެއްގެ ފިއުލްފާމެއް ތަރައްގީ ކުރެއްވުމުގެ މަސައްކަތާއި، ސީޕްލޭން ޒަމާނީކުރައްވައި ބަދަލު ކުރެއްވުމުގެ މަސައްކަތާއި، އެރައިވަލް ޓާމިނަލް ތަރައްގީ ކުރެއްވުމުގެ މަސައްކަތް އަމަލީގޮތުން ފެއްޓެވިއެވެ. އަދި ރައީސް މުއިއްޒު، 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު މި މަޝްރޫއުގެ ނިމުނި ހުރިމަސައްކަތްތައް ނިންމަވައި އާ ޓާމިނަލާއި ފިއުލް ފާމާއި އެއާ ކާގޯ ފެސިލިޓީ ހުޅުވައި ދެއވިއެވެ.
ރީޖަނަލް އެއާޕޯޓް ޑިވެލޮޕްމަންޓްސް: ދަތުރުފަތުރު އިންތިޒާމު ރަނގަޅުކޮށް ހަރުދަނާކުރުމުގެ ގޮތުން ރާއްޖޭގެ އެކިސަރަހައްދުތަކުގައި އެއާޕޯޓު އެޅުއްވުމުގެ އަމަލީ މަސައްކަތުގެ ހައްގުވެރިޔަކީ ރައީސް މުއިއްޒެވެ.
ހުޅުމާލޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް (ހިޔާ މަޝްރޫއު): ’ޒުވާނުންގެ ސިޓީ‘ ގެ ނަމުގައި ތަރައްގީ ކުރަންފެށި ހުޅުމާލޭ ފޭސް-2 ގެ މަސައްކަތްތަކަކީ ސީދާ ރައީސް މުއިއްޒުގެ ބެލުމުގެ ދަށުން ހިންގުނު ތަރައްގީގެ މާސިންގާ ޕްރޮޖެކްޓެކެވެ. އަދި ފޭސް-2 ހިއްކުމަށްފަހު އެއްލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ރެސިޑެންޝަލް ޓަވަރުތައް ނުވަތަ ފުލެޓުތައް ބިނާކުރެއްވުމުގައި އިސްވެ ހުންނެވީ އޭރުގެ ހައުސިން މިނިސްޓަރ، ރައީސް މުއިއްޒެވެ. މި ޝަހަރުގެ ހަގީގީ ބާނީއަކީ ރައީސް މުއިއްޒެވެ.
ހެލްތުކެއާރ ޕްރޮޖެކްޓުތައް
ދަރުމަވަންތަ ހޮސްޕިޓަލް: ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ރަނގަޅު ސިއްހީ ހިދުމަތް ލިބެން ނެތުމެވެ. ރައްޔިތުންގެ މި ކަންބޮޑުވުމަށް ތަސައްލީއެއް ހޯދައިދީ ކޭޓަކުރުމުގެ ގޮތުން ހިންގުނު އެންމެ ބޮޑު އެއް މަޝްރޫއަކީ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެ އަމަލީ މޭސްތިރިއަކީ ރައީސް މުއިއްޒެވެ. މާލޭގައި ހުރި 25 ބުރީގެ މި ޓާޝަރީ ހޮސްޕިޓަލް ފަރުމާކޮށްފައި ވަނީ ޑައިގްނޯސްޓިކް ސެންޓަރަކާއި ރިހެބިލިޓޭޝަން ސުއިޓަކާއެކުގައެވެ.

އައްޑޫ ޓާޝަރީ ހޮސްޕިޓަލް: އަތޮޅު ތެރޭގައި ހާއްސަކޮން ދެކުނުގައި ސިއްހީ ހިދުމަތް ފުޅާކުމުގެ ގޮތުން އައްޑޫ ސިޓީގައި ޒަމާނީ، މަތީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމު ކުރުމުގެ ގޮތުން ސަރުކާރުން ހިންގެވި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މަޝްރޫއު ހިންގެވުމުގައިވެސް އިސްކޮން ހުންނެވީ ރައީސް މުއިއްޒެވެ. އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓު އެންޑު ޑިވެލޮޕްމަންޓު ޕްރޮޖެކްޓްސްނަރުދަމާއާއި ފެން ފޯރުކޮށްދިނުން: ރާއްޖޭގައި މީހުން ދިރިއުޅޭ އެކި ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރުމުގެ ގޮތުން ޑޮކްޓަރ މުއިއްޒު ހައުސިން މިނިސްޓަރ ކަމުގައި ހުންނަވައިގެން މުޅި ރާއްޖޭގައި ތަފާތު އެކި މަޝްރޫއުތައް ހިންގެވިއެވެ. ހާބަރ ޑިވެލޮޕްމަންޓްސް: ރާއްޖޭގެ އެކި ރަށްރަށުގެ ދަތުރު ފަތުރު ނިޒާމު ހަރުދަނާކުރުމަށާއި ލަފާފުރުން ފަސޭހަ ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާ ބަނދަރުތައް ހެދުމާއި އަޕްގުރޭޑުކޮށް ތަރައްގީ ކުރުމުގެ މަސައްކަތްތައް 2013 އިން 2018 އަށް ސަރުކާރުން ކުރިއަށް ގެންގޮސްފައިވަނީ ސީދާ ރައީސް މުއިއްޒުގެ މޭސްތިރިކަމުގެ ދަށުންނެވެ. ބިން ހިއްކުމުގެ މަސައްކަތް: ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނަވައިގެން ތަފާތު އެކި ރަށްރަށުގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ހިންގާފައި ވެއެވެ. މިގޮތުން، ހާއްސަކޮށް ”ޒުވާނުންގެ ސިޓީ“ ނުވަތަ ހުޅުމާލޭ ފޭސް-2 ހިއްކެވުމާއި، ރަށްރަށުގެ ގޮޑުދޮށް ހިމާޔަތް ކުރުމުގެ ތަފާތު މަޝްރޫއުތައް ކުރިއަށް ގެންދަވާފައި ވެއެވެ.
މާލެ ފެހިކުރެއްވުން
ރައީސް މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި މާލެ ފެހިކުރައްވައި، އާލޭގެ ހިއްފަސޭހަކުރެއްވުމަށް ތަފާތު ގިނަ މަސައްކަތްތައް ކުރެއްވިއެވެ. މިގޮތުން ސުނާމީ ބިނާ މައިދާނާއި، ހިއްތަން ޕާކާއި، ރެހެންދި ޕާކު ހެއްދެވިއެވެ. އަދި މީގެ އިތުރުން ސަލްޓަންޕާކު ޒަމާނީ ފެންވަރަށް ތަރައްގީ ކުރައްވައި ’ރަސްރަނި‘ ބަގީޗާގެ ނަމުގައި ހުޅުއްވިއެވެ. މާލޭ ހުޅަނގު ފަރާތުގައި ބީޗު ތަރައްގީ ކުރައްވައި އެތަނަކީ މޫދަށްއެރިލާ އާއިލާތަކާއެކު ވަގުތު ހޭދަކޮށްލުމަށް ހިއްގައިމު ތަނެއްގެ ގޮތުގައި ތަރައްގީ ކުރައްވައި ’ރަސްފަންނު‘ ގެ ނަމުގައި ރައްޔިތުން ހުޅުވާލިއެވެ. މިއީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނަވައިގެން 2013 އިން 2018 އަށް ހިންގެވި ތަރައްގީގެ މަޝްރޫއުތަކުން ކޯވަރެކެވެ.

މާލޭގެ ތަރައްޤީގެ ޕްލޭން އަލުން އެކުލަވާލުން
ރައީސް މުއިއްޒު މާލޭގެ މޭޔަރުކަމުގެ މަގާމު ފުރުއްވީ 17 މެއި 2021 އިން 17 ނޮވެމްބަރ 2023 ގެ ނިޔަލަށެވެ. މި ކުރުމުއްދަތުގެ ތެރޭގައި މާލޭގެ ތަރައްގީގެ ޕުލޭން އެކުލަވާލެއްވިއެވެ. މާލޭގެ ރައްޔިތުންގެ ހަމަޖެހުމާއި ރައްކާތެރިކަމަށްތަކައި، އަދި ހިތްފަސޭހަކަމާއެކު ދިރިއުޅެވޭނެ ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި ގެންނަށްޖެހޭ ބަދަލުތައް ގެންނެވުމުގެ މަސައްކަތް އަމަލީގޮތުން ފެއްޓެވިއެވެ. ސަރުކާރުން ކުރިމަތި ކުރަމުންދިޔަ ހުރަސްތަކާއެކު މިކަންކަން ހާސިލުކުރެއްވުމަށްޓަކައި ރައީސް މުއިއްޒު ހިއްވަރާއެކު މަސައްކަތް ކުރެއްވިއެވެ.
2023 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ދިވެހި ވެރިކަމާއި ހަވާލުވެވަޑައި ގަތީ ރައީސް މުއިއްޒެވެ. އަދި މިގޮތުން، ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައި ރަށްރަށުގެ ތރައްގީގެ މަޝްރޫއުތައް އެކަށަ އެޅުއްވިއެވެ. އަދި މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ވަކިވަކިން ބައްދަލު ކުރައްވައި، އެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ތަސައްލީ ހޯއްދަވައިދެއްވުމުގެ މަސައްކަތް ވަގުތުން ވަގުތަށް ފެއްޓެވިއެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ފެއްޓެވި ބޯހިޔާވަހިކަމާއި، ޓުރެފިކު އަދި އާބަން ރީޑިވެލޮޕްމަންޓަށް އަމާޒުކޮށްގެން ހިންގާ މުހިންމު މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ؛
ރަސްމާލެ (ފުށިދިގަރު ފަޅު) ހިންކުން މަޝްރޫއު: މި މަޝްރޫއަކީ ރާއްޖޭގެ ތާރީހުގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން ފުށި ދިއްގަރު ފަޅުން 1,100 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

މަގުސަދު: މި މަޝްރޫއުގެ މަގުސަދަކީ ގްރޭޓަރ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމެވެ. އަދި ތިމާވެއްޓާއި ރައްޓެހި، ދެމެހެއްޓެނިވި ”އިކޯ ސިޓީ“ އެއްގެ ގޮތުގައި ރަސްމާލެ ތަރައްގީ ކުރެއްވުމެވެ. ރަސްމާލެ ފަރުމާކޮށްފައިވަނީ 15،000 ގޯތި މީހުން ދިރިއުޅުމަށް ދޫކުރުމަށާއި 65،000 ހައުސިން ޔުނިޓް އެޅުމަށެވެ.
ގުޅީފަޅާއި ގިރާވަރުފަޅު އަދި ފޭސް-3 ހިއްކުން: ރަސްމާލޭގެ އިތުރުން މާލޭ ސަރަހައްދުގައި އިތުރު ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފަހިކުރުމުގެ ގޮތުން ހުޅުމާލެ-3 އިން ގާތްގަޑަކަށް 63 ހެކުޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަނީ ނިމިފައެވެ. އަދި ގުޅީފަޅުން ގާތްގަޑަކަށް 85 ހެކްޓަރުގެ ބިމާއި ގިރާވަރުފަޅުން ގާތްގަޑަކަށް 50 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ވަނީ ނިމުމަކާއި ދާދި ގާތުގައެވެ.
ސިނަމާލެއާއި މާލޭ ހިޔާ އަލުން ތަރައްގީކުރުން މަޝްރޫއު: ސިނަމާލެ އާއި މާލޭ ހިޔާ ވަރަށް ދުވަސްވީ ފުލެޓުތަކެކެވެ. އެހެންކަމުން އެފުލެޓުތައް އަލުން ތަރައްގީ ކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ނިންމަވާފައެވެ.
އޮނިގަނޑު: މި މަޝްރޫއަކީ ރައީސް މުއިއްޒު މާލޭގެ މޭޔަރުގެ މަގާމުގައި ހުރި ދުވަސްވަރުން ފެށިގެން ކުރައްވާފައިވާ ތަސައްވުރެކެވެ. މި މަޝްރޫއުގެ ދަށުނމިހާރު ހުރި ފުލެޓުތައް އަލުން ތަރައްގީކޮށް، ދުވަސްވީ، ބާ އިމާރާތްތަކުގެ ބަދަލުގައި ޑެންސިޓީ ބޮޑު، ޒަމާނީ އެޕާޓްމަންޓް ކޮމްޕްލެކްސްތައް ގާއިމު ކުރެވިގެންދާނެއެވެ.
ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތް ރީޑިވެލޮޕްމަންޓުކުރުން މަޝްރޫއު: މާލޭގައި އެންމެ ބޮޑަށް ތޮއްޖެހި ކާރޫބާރޫބޮޑުވާ ސަރަހައްދަކީ މާލޭގެ އުތުރުފަރާތު ބާޒާރުމަތީ ސަރަހައްދެވެ. އެހެންކަމުން، އެމްޕީއެލް އިން ފެށިގެން ހުޅުމާލޭ ފެރީޓާމިނަލާއި ހިސާބަށް އޮތް ބޮޑުތަކުރުފާނުމަގުގެ އަތުރުފަރާތް ރީޑިވޮލޮޕްކުރުމުގެ މަސައްކަތް ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ފަށާފައެވެ. މިގޮތުން އެމްޕީއެލް އިން ފެށިގެން ބޮޑު ފާލަމާ ހިސާބަށް އޮތް މަގުގެ ސަރަހައްދު ފުޅާކޮށް، ތާރުއަޅާ ދެކޮޅަށް ދުއްވޭގޮތަށް ވަނީ ބޭނުން ހިފަން ފަށާއެވެ. އަދި މިއާއެކު ބޮޑުފާލަމުން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލާ ހިސާބަށް އޮތް ސަރަހައްދުގެ މަސައްކަތް މިހާރު ފެށިގެން ބާރަށް ކުރިއަށް އެބަދެއެވެ.

އަމާޒު: މި މަޝްރޫއުގެ މަގުސަދަކީ ޓުރެފިކު ފުލޯ ރަނގަޅުކުރުމާއި، ރައްކާތެރިކަން އިތުރުކުރުމާއި، ފެން ހިއްކުމުގެ ނިޒާމުތައް އަޕްގްރޭޑުކޮށް، ރައްޔިތުންނަށް ހިއްފަސޭހަކަން ހޯދައި ދިނުމެވެ.
އާބަން އިންފްރާސްޓްރަކްޗަރ އަޕްގްރޭޑްސް (މަގުތަކާއި ހިދުމަތްތައް)މަގުތައް ޒަމާނީކުރުން: މާލޭ ސިޓީގެ ހުރިހާ ހިސާބެއްގައި މަގުތައް އަޕުގްރޭޑް ކުރުމުގެ ފުޅާ މަސައްކަތެއް ފެށުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ތައްޔާރުވެފައެވެ. ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ހިންގާ މި މަޝްރޫއުގެ އެންމެ މުހިންމު އެއް މަގުސަދަކީ ވިއްސާރަވުމުން މާލެއަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމާއި، ޓުރެފިކުގެ ތޮއްޖެހުން ކުރުމާއި، މަގުމަތީގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ.
ޔުޓިލިޓީ އިންފްރާސްޓްރަކްޗަރ: ސިޓީތަކާއި، އާބާދީ އިތުރުވަމުންދާ ރަށްތަކާއި، ލޯކަލް ޓޫރިޒަމް ތަރައްގީވެ ފުޅާވަމުންދާ ރަށްތަކުގައި ކަރަންޓު ނެޓުވޯކުތައް އަޕުގްރޭޑު ކުރުމާއި، ފެނާއި ނަރުދަމާގެ ހިދުމަތްތައް ފުޅާ ކުރެއްވުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ހާއްސަ އަހަންމިއްޔަތު ކަމެއް ދެއެވެ.
އެހެނިހެން މަޝްރޫއުތައް
ރާއްޖޭގެ ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުންނާއި، ރަށްރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ ގޮތުންނާއި، ޒުވާނުން ބާރުވެރިކުރުވައި، ކުޅިވަރު ހަރަކާތްތައް އިތުރު ކުރުމަށް ބޭނުންވާ ފެސިލިޓީތަކާއި، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ ޖިމްތައް ތަރައްގީ ކުރުންފަދަ ކަންކަން ހިމެނޭހެން 2،130 މަޝްރޫއެއް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ތަފާތު އެކިޕާޓީތަކާ ހަވާލުކޮށްފައެވެ.
ދުންފަތް ކޮންޓުރޯލު ކުރުން
ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލު ކުރުމުގެ ގޮތުން ސާބިތު ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މި ފިޔަވަޅުތަކުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމާއި، ދުނަފަތުގެ ސަބަބުން ޖެހޭ ބޮޑެތި ބަލިތައް ކަމަށްވާ ކެންސަރުފަދަ ބަލިތަކުން ރައްޔިތުން ރައްކާތެރިކުރުމެވެ. މިގޮތުން އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި ވޭޕާއި އީ-ސިނގިރޭޓުމަނާކުރުމާއި، ދުނަފތުން ނަގާ ޓެކުސް ބޮޑުކުރުމާއި، ދުންފަތް ބޭން ޖެނަރޭޝަން ނުވަތަ 2007 ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ ކުދީންނަށް ދުނަފަތް ވިއްކުމަކީ މަނާކަމެއް ކަމުގައި ހަމަޖެއްސުމެވެ.
އަސްކަރީ އަދި ވަތަނީ ހިދުމަތްތައް
ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުއަކީ ކެރިއަރ މިލިޓަރީ އޮފިސަރެއްގެ ބެކްގްރައުންޑެއް އޮތް ބޭފުޅެއް ނޫނެވެ. ނަމަވެސް ދިވެހި ސިފައިންގެ އެންމަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް މުއިއްޒުގެ އެންމެ މުހިންމު އެއްމަސައްކަތް ޕުޅަކީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރެއްވުމެވެ. މިގޮތުން، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އަސްކަރީ ގާބިލުކަމާއި، ތަރައްގީއާއި، އިސްލާހު ކުރެއްވުމަށް ވަނީ ފައްޓަވާފައެވެ. މިގޮތުން؛

އަސްކަރިއްޔާ ޒަމާނީކުރުން: ރައީސް މުއިއްޒުގެ ވެރިކަމުގައި އަސްކަރިއްޔާ ޒަމާނީ ކުރެއްވުމުގެ ގޮތުން އެޅުއްވި އެއް މުހިންމު އެއްފިޔަވަޅަކީ ދިވެހި އަސްކަރިއްޔާގައި އެއާކޯޕެއް ނުވަތަ އެއާ ވިންގެއް ގާއިމުކުރެއްވުމެވެ. މިގޮތުން، ރާއްޖޭގެ ކަނޑާއި އެއްގަމު ސަރަހައްދު ވައިގެ ޒަރިއްޔާއިން ބެލެހެއްޓުމުގެ ގޮތުން ބޭނުންވާ ޑުރޯން ހޯއްދެވި އެވެ. އަދި ހާއްސަކޮށް ދިވެހި އަސްކަރިއްޔާއަށް އަންމެނެޑް އެރިއަލް ވެހިކަލްސް (ޔޫއޭވީ) ހޯއްދެވުމާއި ކޯސްޓްގާޑު ފްލީޓުގެ ގާބިލުކަން އިތުރުކުރުން ހިމެނެއެވެ.
ނޭޝަނަލް ސާވިސް ޕްރޮގްރާމް: ”މޯލްޑިވްސް ނޭޝަނަލް ސާވިސް“ އަކީ ރައީސް މުއިއްޒުގެ އިސްނެގުމަށް ދިވެހި އަސްކަރިއްޔާއިން ކުރިއަށް ގެންދާ ހާއްސަ ޕްރޮގުރާމެކެވެ. މި ވަތަނީ ހިދުމަތުގެ މަގުސަދަކީ އެކިއެކި ދާއިރާތަކުން ގައުމީ ހިދުމަތަށް ބޭނުންވާ ޑިސިޕްލިން ހުރި 5،000 އެއްހާ ޒުވާނުން ހަތަރު އަހަރު ދުވަހުގެ ތެރޭގައި ބިނާކުރުމެވެ.
ބޭރު ސިފައިން ފޮނުވާލުން: ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ރާއްޖޭގައި ތިބި ޔުނީފޯމު އެޅި ބޭރުގައުމުތަކުގެ ސިފައިން އަނބުރާ ގައުމަށް ފޮނުވާ ލެއްވިއެވެ. އޭގެ ބަދަލުގައި ސިވިލް އޮޕަރޭޓަރުންނަށް ޖާގަ ދެއްވިއެވެ.

ބޮޑުދަރަނި ދެއްކުން
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު ދިވެހި ދައުލަތުން ނަގާފައިވާ އެންމެ ބޮޑު އެއްދަރަނި ކަމުގައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކު (އިސްލާމިކު ބޮންޑު) ދައްކަންޖެހޭ ސުންގަޑި 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހަސް ހަމަވެއެވެ. މި މުއްދަތު ހަމަވި އިރު 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އިތުރު ދަރަންޏެއް ނެގުމަކާއި ނުލައި، އަދި ޑިފޯލްޓު ވިޔަނުދީ އަދި ރަހުނުކޮށްފައިވާ ސަރުކާރުގެ އެސެޓުތައް ވިއްކަން ނުޖެހި ކާމިޔާބުކަމާއެކު ދައްކާ ހަލާސްކޮސްފައެވެ.
ދަރަނި އަދާކުރުމުގެ މުހިންމު ތަފްސީލުތައްޖުމްލަ ސެޓުލްކުރި އަދަދު: 500 މިލިޔަން ޑޮލަރުގެ މި ބޮޑުދަރަނި އަދާކުރމުގެ ގޮތުން ސަރުކާރުން ޖުމްލަ 524.68 މިލިއަން ޑޮލަރު ވަނީ ދައްކާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 500 މިލިއަން ޑޮލަރުގެ ޕްރިންސިޕަލް އެމައުންޓާއި، އިންޓަރެސްޓު (ކޫޕަން ޕޭމަންޓްސް) ގެ ގޮތުގައި ދެއްކި 24.68 މިލިއަން ޑޮލަރާއެކު ޖުމްލަވާ އަދަދެވެ.
ފައިސާ ދެއްކުމުގެ އުސޫލު: 500 މިލިޔަން ޑޮލަރުގެ މި ބޮޑު ދަރަނި ދަރަނި އަދާކޮށްފައިވަނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އާއި ބޭރު ފައިސާގެ ރިޒާވު މެދުވެރިކޮށެވެ.
ރިކަވަކުރެވުނު އެސެޓުތައް: 500 މިލިޔަން ޑޮލަރުގެ މިބޮޑު ދަރަނި ނުވަތަ ސުކޫކު ފުރިހަމައަށް އަނބުރާ ދެއްކުމުން، ސަރުކާރުން ވަނީ ކުރިން ކޮލެޓަރަލްގެ ގޮތުގައި ބޭނުންކުރި އެސެޓްތައްސަރުކާރަށް އަނބުރާ ލިބިފައެވެ. އޭގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލާއި، މިނިސްޓްރީ އޮފް ފިނޭންސްގެ އިމާރާތާއި، އިސްކަންދަރު ސްކޫލާއި، އައިޖީއެމްއެޗު ހިމެނެއެވެ. މި މަޒުމޫނުގައި އަހުރެން މި ބަލައިލީ ރައީސް މުއިއްޒުގެ ގައުމީ ހިދުމަތްތަކުގެ ތެރެއިން މަދު މިންވަރަކަށެވެ. އެމަނިކުފާނަކީ ފެށުނީއްސުރެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ގައުމަށް ހިދުމަތް ކުރައްވަމުން ގެންދަވާ ލާމަސީލު ދިވެހި ދަރިއެކެވެ. މި މަޒުމޫނު ކިޔާ ބޭފުޅުން ހިތަށް އަރާފާނެއެވެ. 2013 ވަނަ އަހަރުން 2018 ވަނަ އަހަރަށް ވެރިކަމުގައި ހުންނެވީ ރައީސް ޔާމީނެވެ. ތެދެކެވެ. ވެރިކަމުގައި ހުންނެވީ ރައީސް ޔާމީނެވެ. ކުރީގެ ނާއިބު ރައީސް އަދީބު ވިދާޅުވާ ގޮތަށް ރައީސް ޔާމީނު އިންނެވީ ތާސް ކުޅުއްވާށެވެ. ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ރާވާ ހިންގީ އޭރުގެ ހައުސިން މިނިސްޓަރު މިހާރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒެވެ.




