ޖުޑީޝަރީގެ އިދާރީ އިސް މަގާމު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމުން އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވައިފި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19ވަނަ ދުވަހު އެ މަގާމަށް އައްޔަންކުރި އަމްޖަދު އޭގެ 1 އަހަރާއި 2 މަސް ފަހުން އިސްތިއުފާ ދެއްވިކަމުގެ ސިޓީ މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވަނީ ފޮނުވައިފަ އެވެ.
ނަމަވެސް އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުމުގެ އެންމެ އިސް މަގާމަށް އަމްޖަދު އައްޔަންކުރަނީ ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ރިޒުނާ ސެޕްޓެމްބަރު 2024ގައި އެ މަގާމުން އިސްތިއުފާ ދެއްވުމުން މަގާމު ހުސްކޮށް އޮތްތާ 5 މަސް ފަހުންނެވެ.
މީގެކުރިން އަމްޖަދު ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސްކަމުގެ އިތުރުން މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބޯޑު ޑިރެކްޓަރުކަން ކުރައްވާފައެވެ.
އޭނާ ތައުލީމު ހާސިލު ކުރައްވާފައިވަނީ:
° އިސްލާމިކް ޔުނާވިސޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޝަރީއާ އެންޑް ލޯއިން ފުރަތަމަ ޑިގްރީ
° އިނގިރޭސިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީން ބިޒްނެސް އެޑްމިނިސްޓްރޭޝަންގެ އިން މާސްޓާސް




