ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ، މި މަހު 25 ގައި އޮންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީއެންސީން ރޭގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ޕްރައިމަރީ އިންތިޚާބުގެ ވޯޓްލުން އޮންނާނީ އެ ދުވަހު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމަށެވެ.
ޕްރައިމަރީގައި ކޮންގްރެސްގެ މެންބަރުންނަށް ވޯޓް ލެވޭނީ މި އިންތިޚާބުގައި ވޯޓްލުމަށް ހިތަދޫ އުތުރު ދާއިރާގައި އަދި ވެރިރަށް މާލޭގައި ޕާޓީގެ ފަރާތުން ބަހައްޓާ ވޯޓް ފޮށިތަކަށެވެ.
ކޮންގްރެސްގެ ޕްރައިމަރީގައި ވޯޓްލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ ދާއިރާއަށް ރަޖިސްޓްރީވެފައިވާ މެންބަރުންނަށް ވޯޓްލެވޭނީ ހިތަދޫގައި ބަހައްޓާފައިވާ ވޯޓް ފޮށިތަކަށް ކަމަށް އެ ޕާޓީން ބުންޏެވެ. އަދި މާލެއާ އެހެނިހެން ރަށްރަށުގައި ވޯޓްލުމަށް ރަޖިސްޓްރީ ވެފައިވާ އެ ދާއިރާގެ މެންބަރުން ވޯޓްލުމަށް ހަމަޖެހިފައިވަނީ މާލޭގައި ބަހައްޓާ ވޯޓް ފޮށިތަކަށެވެ.
މި އިންތިޚާބުގެ ހުރިހާ ކަމެއް ރާވާ ހިންގާނީ ޕާޓީގެ އިންތިޚާބީ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށާ އިންތިޚާބު ބޭއްވުމަށް ބޭނުންވާ އިންތިޒާމުތަކާއި ޢަމަލުކުރަން ޖެހޭ އުޞޫލުތައް އެ ކޮމެޓީން އާންމު ކުރާނެ ކަމަށްވެސް ބުންޏެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރުމަށް، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އަދި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.



