މީގެ 12 އަހަރު ކުރިން ފުލުހުންގެ ވަޒީފާއިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް އަލުން ވަޒީފާ ދޭން ހައި ކޯޓުން ކުރި ހުކުމުގައި، އެ މުއްދަތުގެ މުސާރަ އާއި އިނާޔަތް ދޭން އަމުރުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުމަކާ ހިލާފަށް ކަމަށް ވާތީ އެ ބައި އިސްތިއުނާފުކުރަން ނިންމައިފިއެވެ.
ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުރެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް މެއި 2014 ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން އަންގަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ސިވިލް ކޯޓުން ކުރިން ހުކުމްކުރި އެވެ.
ނަމަވެސް އެ ހުކުމް ބާތިލްކޮށް މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ކުރި ހުކުމުގައި ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭން އަމުރުކޮށްފައިވެއެވެ.
ވަޒީފާ އިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދެވިފައި ނުވާތީ ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމާ ބެހޭ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ 12 އަހަރުގެ މުސާރަ އާއި އިނާޔަތް ދިނުމަށް ހުކުމުގައި އަންގާފައި އޮތީ ސުޕްރީމް ކޯޓުގެ ނިންމުމަކާ ހިލާފަށް ކަމަށެވެ.
ސުޕްރީމް ކޯޓުން އެންމެ ފަހުން ނިންމާފައިވާ ގޮތުން، މީހަކަށް އަނބުރާ ވަޒީފާ ދޭ ހާލަތުގައި އެ މީހަކަށް އެންމެ ގިނަވެގެން ނަގައިދެވޭނީ ހަ މަސް ދުވަހުގެ މުސާރަ އާއި އިނާޔަތެވެ. އެކަމަކު ވަޒީފާ ނުދޭ ނަމަ އެއް އަހަރުގެ މުސާރަ އާއި އިނާޔަތް ދޭންޖެހޭނެ އެވެ.
”އެހެންވެ، 12 އަހަރުގެ މުސާރަ ދިނުމަށް ހައި ކޯޓުގައި ބުނެފައިވާ ބައި އިސްތިއުނާފު ކުރަން އަޅުގަނޑުމެން މިހާރު ވާނީ ނިންމާފައި،“ ބަންޑާރަ ނައިބުގެ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.




