ޓީޓީއަށް ޑޮލަރު ދޫކުރާ ނިސްބަތާއި އަދަދު ވެސް މަދު ނުކުރާ ކަމަށާއި ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ހަރުދަނާކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފި އެވެ.
ވިޔަފާރިތަކަށް ބޭނުންވާ މިންވަރަށް ބީއެމްއެލް އިން ޓީޓީ ދޫނުކުރާ ކަމަށް ބުނެ ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ވެސް ބޭންކަށް ރައްދުކުރަމުންދާ ފާޑުކިޔުންތަކަށް ޖަވާބުދެމުން، ބީއެމްއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ބައެއް ވިޔަފާރިތަކުން، އެ ވިޔަފާރީގެ އާމްދަނީ ނުވަތަ ވިޔަފާރީގެ ކުޑަބޮޑުމިނަށް ބަލާއިރު މާ ބޮޑެތި އަދަދުތަކުން ޓީޓީއަށް އެދި ހުށަހަޅާ ކަމަށެވެ.
”އިންޓެންޝަނަކީ ވިޔަފާރިއެއްގެ ނިސްބަތުން އެތަނަކަށް ޑޮލަރު ފޯރުކޮށްދިނުން. މިސާލަކަށް 100،000 ޑޮލަރު ފޮނުވަން މިއަދު އަތުވެއްޖެއްޔާ ބޭންކަށް ދެވޭނީ އޮންނަ އުސޫލުގެ ތެރެއިން 10،000 ޑޮލަރު ނޫންތޯ؟ %50 އެއީ 50،000 ޑޮލަރު ނަމަވެސް ކެޕެއް އެބަ އިނދޭ. 10،000 ޑޮލަރު ވީމާ އޭތި ގިނައިން ހޯދަން މި ހަދާ ގޮތަކީ އޭތި 10 ބަޔަށް ބަހާލަނީ. ބަހާފައި 10 ޓްރާންސެކްޝަން ހަދަނީ، 10 ޓީޓީއަށް އައީމާ، ކޮންމެ ޓީޓީއަކަށް ވެސް %50 ދޭން ޖެހޭ ކަހަލަ ގޮތަކަށް“ ޝަރީފް ވިދާޅުވި އެވެ.
މީގެއިތުރުން ޝަރީފު ވިދާޅުވީ ޓީޓީ ދޭ އުސޫލަށް ބަދަލު ނުގެންނަ ކަމަށާއި ޓީޓީ ދޫކުރާ މިންވަރު މަދު ވެސް ނުކުރާ ކަމަށެވެ.




