ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ ގޮތާ ހިލާފަށް ކާޑުން ކުރާ މުއާމަލާތްތަކުން 30 ޕަސެންޓްގެ ފީއެއް ނަގަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުކުރި މައުލޫމާތަކީ ދޮގު މައުލޫމާތެއް ކަމަށް އެ ބޭންކުން މިއަދު ބުނެފިއެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑިން އެންޑް މާކެޓިން ސްޓްރެޓެޖީ މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލް އިން ރަސްމީކޮށް މީގެކުރިން ހާމަކޮށްފައިވާ ގޮތަށް، މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ވަކި އީ-ކޮމާސް ސައިޓްތަކަކުން (ޓީމޫ، ޝެއިން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ) ފިޔަވައި އެއްވެސް އިތުރު ސައިޓަކުން ދިވެހި ރުފިޔާ ޑެބިޓް ކާޑުން ކުރާ މުޢާމަލާތްތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނުނަގާ ކަމަށެވެ.
”އެހެންކަމުން ސިއްހީ ހިދުމަތާއި، ތައުލީމާއި އަދި ދަތުރުފަތުރުގެ ދާއިރާގެ އިތުރު އެތައް ސަތޭކަ މާޗަންޓުންނަކަށް މިފަދަ ފީއެއް ސިއްރިއްޔާތުގައި އިތުރުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކައެެއް“ ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޭންކުގެ ”ޝެޑިއުލް އޮފް ޗާޖަސް“ ގައިވާ ގޮތުން ރާއްޖެއިން ބޭރުގައި ކުރާ މުއާމަލާތްތަކަށް ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކުރުމުން 30 ޕަސެންޓާ ހަމައަށް ފީއެއް ނެގިދާނެއެވެ. އަދި އެގޮތަށް ކްރޮސްބޯޑާ ފީއެއް ނެގުމަކީ ދުނިޔޭގެ އެހެން ބޭންކުތަކުން ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.




