ހައްޖަށް ދާން ކިއުގައި އެތައް ބަޔަކު ތިއްބާ ބައެއް ކުންފުނިތަކުން އިނާމުގެ ގޮތުގައި ކުއްލިއަކަށް ދޭ ހައްޖުދަތުރުގައި ދާ މީހުންނަށް އަވަސް ފުރުސަތު ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި އެކަން އެގޮތަށް ކުރުން މިހާރު މަދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ ކުންފުނިތަކުން ދޭ އިނާމުގެ ގޮތުގައި ގުރުއަތުން ހޮވާ މީހުންނަށް އަވަހަށް ފުރުސަތު ދިނުމަކީ ރާއްޖޭގައި ވަރަށް ކުރިއްސުރެ ކުރަމުން އަންނަ ކަމެއް ކަމަށާއި ނަމަވެސް މިހާރު އެކަން މަދުކޮށްފައިވާ ކަމަށެވެ. އަދި ކުންފުނިތަކަށް މިއަހަރު ދިނީ ވަރަށް މަދު ފުރުސަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”އަޅުގަނޑު ވެސް ޝަހުސީކޮށް ގަބޫލުކުރާ ކަމެއް ނޫން އެއީކީއެއް. އެއީ ކުންފުނިތަކަށޭ ކިޔާފައި އެގޮތަކަށް ކޯޓާއެއް އަސްލު ދުލެއް ނުކުރެވޭނެ. ވަރަށް ގިނަ ކުންފުނިތަކުން މިނިސްޓްރީއަށް ވެސް އާދޭ އެތާގެ މުވައްޒަފުންނަށް އެ ފުރުސަތު ހޯދަން. އެހެން ނަމަވެސް އަޅުގަނޑު ވެސް ގަބޫލެއް ނުކުރަން އެއީ އެންމެ އިންސާފުވެރި ގޮތެއް ކަމަކަށް، ކިއުގައި އެހާ ގިނަ މީހުން ރަޖިސްޓްރީ ވެފައި ތިއްބާ، ކުއްލިއަކަށް މިގޮތަށް އަންނަ ފުރުސަތުތަކަށް ޖާގަ ދިނުން،“ އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އެގޮތަށް ދޭ ހައްޖު ދަތުރުތައް ވެސް ދޭންވާނީ ކިއުއަށް އަރާ ގޮތަށް ކަމަށެވެ.




