ބިދޭސީން ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރުން ހުއްޓުވަން ހިންގާ ”އޮޕަރޭޝަން ކުރަނގި“ ގެ ތިން ވަނަ ފިޔަވަހި އަންނަ މެއި މަހުގެ ދެވަނަ ދުވަހު ފަށާނެ ކަމަށާއި ވިސާ ފީ ނުދައްކާ އުޅޭ ބިދޭސީއަކު އޭގެ ފަހުން ފެނިއްޖެނަމަ ވަގުތުން ހައްޔަރުކޮށް ޑީޕޯޓްކޮށްލާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން %62 މީހުން މިހާރު ތިބީ ސައްހަ ލިޔެކިއުންތަކާ އެކުގައި ކަމަށާއި ދެން ތިބި މީހުން ހޯދުމުގެ މަސައްކަތް މެއި މަހުގެ ދެވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ކުރާނެ ކަމަށެވެ.
އޮޕަރޭޝަން ކުރަނގި ކުރިއަށް ގެންދާނީ އެގޮތަށް ކަމަށް ވާތީ، ބިދޭސީ މަސަކްތްތެރިން ގެންގުޅޭ އެންމެން ވެސް އެ މީހުންގެ ވިސާ ފީ ގަވައިދުން ދައްކަން މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.
”ހަމަ އެއާއެކު މެއި 2 އިން ފެށިގެން، ފީ ނުދައްކާ އެއްވެސް ވަރަކަށް އުޅެނިކޮށް، އަޅުގަނޑުމެންގެ ލޯ އެންފޯސްމެންޓާ ދިމާވާ ކޮންމެ ބިދޭސީއަކީ ވެސް އިމީޑިއަޓްލީ ރާއްޖޭން ޑީޕޯޓްކުރެވިގެންދާނެ ފަރާތެއް“ މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.
އެންފޯސްމެންޓް ފަށައިގެން މީހަކު ހައްޔަރުކުރުމަށް ފަހު، ކޮންމެ ފަރާތަކުން ގުޅިޔަސް، އެ މީހަކު ދޫކުރުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ވިސާފީ ދެއްކުމުގައި އިދާރީ މައްސަލައެއް ކުރިމަތިވެގެން ފީ ނުދެއްކި ހުރެއްޖެ ނަމަ އެކަމަށް ރިއާޔަތްކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.




