ބުލީކުރުމަކީ ޖިނާއީ ކުށަކަށް ހަދައި އެފަދަ މައްސަލަތަކަށް ހަރުކަށި ޖިނާއީ ފިޔަވަޅުތައް އެޅުމާ މެދު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ، ބުލީގެ ޝިކާރައަކަށްވާ ބައެއް މީހުން އަމިއްލައަށް މަރުވާ މައްސަލަތައް ގިނަވަމުންދާތީ، އެފަދަ މައްސަލަތައް ހުއްޓުވުމަށް އެ މިނިސްޓްރީން ކުރާ މަސައްކަތްތަކީ ކޮބައިތޯ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެެވެ.
މިނިސްޓަރ ވިދާޅުވީ، ބުލީގެ މައްސަލަތައް ގިނަވެ، ބުލީ ކުރާ މީހުންގެ ސަބަބުން މީހުންގެ ފުރާނަ ދާ ހިސާބަށް މިހާރު ރާއްޖޭގެ ކަންކަން ގޮސްފައިވާ ކަމަށެވެ.
އެހެންކަމުން އެފަދަ ކަންކަމުގައި ޖިނާއީ ފިޔަވަޅު އެޅޭ ނަމަ، ހަރުކަށި ޖިނާއީ ފިޔަވަޅު އަޅާނެ ކަމަށާއި އެކަމުގެ މަޝްވަރާތައް ބަންޑާރަނައިބުގެ އޮފީހާއެކު ކުރަމުންދާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
”ވަކިން ހާއްސަކޮށް ބުލީގެ ކަންކަން ސްކޫލުތަކުގައާ އަދި މުޖުތަމައުތެރޭގައި ކުރަމުންދާތީ މިކަމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ، ހާއްސަކޮށް ޖިނާއީގޮތުން އެޅިދާނެ ފިޔަވަޅެއް އެބައޮތްތޯ އަޅުގަނޑުމެން މިހާރު ދަނީ އެޓާނީ ޖެނަރަލް އޮފީހާއެކު މަސައްކަތްތަކެއް ކުރަމުން،“ ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، ގާނޫނީ ގޮތުން އެކަމަށް ހޯދަންޖެހޭ ހައްލެއް ހޯދާނެ ކަމަށާއި އެކަމަށްޓަކައި ގާނޫނުތައް ބަދަލުކުރަންޖެހޭ ނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.


