މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލަދޭ ތިލަމާލެ ބްރިޖުގެ 72 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ބެހޭގޮތުން މައުލޫމާތު ދެއްވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ ތިލަމާލެ ބްރިޖުގެ 72 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ވިލިމާލެއާއި މާލެއާ ދެމެދު އެ މަސައްކަތް ފުދޭވަރަކަށް ބޮޑަށް މިހާރު ގޮސްފައިވާ ކަމަށެވެ.
”މިހާރު މައިގަނޑު މަސައްކަތެއްގެ ގޮތުގައި ކުރިއަށްދަނީ ސެގްމެންޓުތަކުގެ ކާސްޓު ކުރުމުގެ މަސައްކަތާއި ސެގްމެންޓުތައް ބްރިޖުތަކުގެ ތަނބުތަކާއި ގުޅުވާލުމުގެ މަސައްކަތް“ މިނިސްޓަރ މުއްޠަލިބް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސައްކަތް ނުހުއްޓި ވީހާވެސް އަވަހަށް އެ މަސައްކަތް ނިންމާލުން ކަމަށެވެ.




