ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލޭގެ ދެބައިކުޅަ އެއްބައި ހިއްކައި ނިމިއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ %50 އަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކައި ނިމިފައިވާ ކަމަށެވެ. އެއީ 504 ހެކްޓަރުގެ ބިން ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
”އެއީ ނިސްބަތުން ބަލާއިރު، ހުޅުމާލޭގެ ދެ ފޭސް އެއްކޮށްލީމަ، އެ ވަރުގެ ބިމެއް ގާތްގަނޑަކަށް ހިއްކިފައި އެ އޮތީ. ބާކީ ބައި ހިއްކުމުގެ މަސައްކަތް ކުރިއަށް އެބަދޭ“ މިނިސްޓަރ މުއްތަލިބް ވިދާޅުވިއެވެ.
މިނިސްޓަރ މުއްތަލިބް ވިދާޅުވީ ބައެއް ކަހަލަ ގޮންޖެހުންތައް ހުރުމުން ޓައިމްލައިނަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ނަމަވެސް ރަސްމާލެއިން ގޯތި ދޫކުރުމުގެ ޕްރޮސެސް ކުރިއަށް ގެންގޮސް، އެ ފަރާތްތައް ކަނޑައަޅައި ނިމެންވާ އިރަށް، ބިންތައް ހަވާލު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
”މާނައަކީ އަޅުގަނޑުމެން ކަނޑުން، ނުހިއްކާ ތަނަކުން ބަޔަކަށް ގޯތިތަކެއް ކަނޑައަޅާފައި ނުދޭނަމޭ“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ މުއްތަލިބް ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު ބޮޑުވުމާއި އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ލިބުން ދަތިވެފައިވުމުގެ ސަބަބުން ބައެއް މަޝްރޫއުތަކަށާއި އިމާރާތް ކުރުމުގެ ދާއިރާއަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް ކޮންސްޓްރަކްޝަން ސާމާނު މެދުނުކެނޑި ތަކެތި ލިބޭނެ ގޮތް މަގުފަހި ކުރުމަށް އެ ސާމާނު އެތެރެކުރާ އެސްޓީއޯ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.



