މިވަގުތު ކުރިއަށްދާ މަޝްރޫޢުތައް އެއްކޮށް ހުއްޓާނުލާ، ޚަރަދު ކުޑަކޮށް މަޝްރޫތައް ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރަމުންދާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މުއްޠަލިބް ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ސާމާނު ލިބުމުގައި ގިނަ ހުރަސްތަކެއް ހުރިކަމަށެވެ. ލަސްތަކެއް އައުމާއި ތަކެތީގެ އަގު ބޮޑުވުން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އެހެންނަމަވެސް މިޙާލަތުގައިވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންދާ މަޝްރޫޢުތައް ހުއްޓާލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށް މުއްޠަލިބު ވިދާޅުވިއެވެ. އޭގެ ބަދަލުގައި މަޝްރޫޢުތަކުގެ ޓައިމްލައިނަށް ބައެއް ބަދަލު ގެނެސްގެން ނަމަވެސް މަސައްކަތް ނުހުއްޓި ކުރިއަށްގެންދަވާނެކަމަށް ވެސް ވިދާޅުވިއެވެ.
”ތެލުގެ އަގު ދެގުނައަށް ބޮޑުވުމާއި ގުޅިން ގިނަ ޢަދަދެއްގެ ތެޔޮ ބޭނުންކޮށްގެން ކުރާ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ދަތިތަކަކާއި ކުރިމަތިވެފައިވޭ. އޭގެތެރޭގައި ބިން ހިއްކުމާއި ބަނދަރު ހެދުން ފަދަ ކަންކަން ހިމެނޭ. މިވަގުތު އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ޚަރަދު ކުޑަވާނެ ގޮތަކަށްބަލައިގެން މަޝްރޫއުތައް ހިންގުމަށް. އެގޮތުން އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލުމުގެ ބަދަލުގައި ޓައިމްލައިނަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްގެން ކުރިއަށްގެންދިޔުމަކީ އަޅުގަނޑުމެންގެ އަމާޒު.“ މިނިސްޓަރު ވިދާޅުވިއެވެ.


