ރަށްރަށުގައި އަޟްހާ އީދު ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ހެރިޓޭޖް މިނިސްޓްރީން އެދިއްޖެއެވެ.
އެ މިނިސްޓްރީން ކައުންސިލްތަކަށް އިއްޔެ ފޮނުވި ސާކިއުލާގައި ބުނީ އީދު ފާހަގަކުރަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އިސްލާމީ ދިވެހި ސަގާފަތުގައި ބޮޑު އީދު ފާހަގަ ކުރުމުގެ ރޫހާއި ސަގާފަތް ދެމެހެއްޓުމާއި އިސްލާމީ ވަހުދަތު ވަރުގަދަކުރަން ކަމަށެވެ.
އެ އުސޫލުން މި އަހަރު ވެސް ބޮޑު އީދު ފާހަގަކުރަން ހަރަކާތްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާތީ، އެ ސާކިއުލާގައި ވަނީ އީދު ފާހަގަކުރަން ކުރެވިދާނެ ކަމަށް އެ މިނިސްޓްރީއަށް ފެންނަ ކަންތައްތަކުގެ ލިސްޓެއް ފޮނުވައިފަ އެވެ.
އީދު ފާހަގަކުރަން ރާއްޖޭގެ ހުރިހާ ރަށަކުން ވެސް އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް ބުނެފައިވެއެވެ.
އެ ހަރަކާތްތަކުގެ ތެރޭގައި:
– އީދު ދުވަހުގެ ރޭ ވެދުމާ ދިއުމަށް ފަދަ ހާއްސަ ހަރަކާތްތައް ހިންގުން
– ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމާއި ނަމާދަށްފަހު ސައި ބޭއްވުން. އަދި ނަމާދުގެ ކަންކަން ކައުންސިލްތަކުން ކުރިއަށް ގެންދަން ޖެހޭނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން. އަދި އީދު ސައި ހަމަޖައްސަން ޖެހޭނީ އަންހެނުންގެ ކޮމެޓީތަކާ ގުޅިގެން
އީދު ދުވަހު މެންދުރު ކުރިން އީދު ހަދިޔާ ބަދަލުކުރުން އަދި އެއް ގެއިން އަނެއް ގެއަށް މެންދުރުގެ ތަށިބަރި ބަދަލުކުރުން ފަދަ ހަރަކާތެއް ކުރިއަށް ގެންދިއުން
– އީދާ ގުޅިގެން އެ ރަށެއްގައި ކުޅެ އުޅޭ ސަގާފީ ކުޅިވަރުތައް، އީދު ދުވަހުގެ ހަވީރު ބޭއްވުން. އެ ކުޅިވަރުތަކުގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނަށް ބައިވެރިވެވޭނެ ހަރަކާތްތައް ހިންގުން
– އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުނުވާ ގޮތަށް ރޭގަނޑު ސްޓޭޖް ޝޯ ބޭއްވުން
ކަލަންޑަރުގައިވާ ގޮތުން އަޟްހާ އީދު ވާނީ އަންނަ މަހުގެ 27،28 އަދި 29 އަށެވެ.



