ރޭ މާލޭގައި އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދިޔަ މަގުމަތީ ހަރާތުގެ ތެރެއިން މާލޭ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާ ދީފިއެވެ.
ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ވީޑިއޯ އިން ފެންނަނީ ހަރަކާތުގެ ބައިވެރިންނާއެކު އެންމެ ކުރީ ސަފުގައި ހުންނަވައި އާޒިމް ހިންގަވާފައި ވަޑައިގަންނަވަނިކޮށް މަގުން ހިނގާފައި އައި މީހަކު އާޒިމްގެ މޭމަތީ އަތްއަޅާ ކޮއްޕާލާ މަންޒަރެވެ.
އެއާ އެކު އާޒިމް އަރިހުގައި ތިއްބެވި މީހުންގެ ތެރެއިން ބަޔަކު، އެ މީހާއަށް ރައްދުގައި ހަމަލާދޭ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
އެ ހަމަލާގެ ސަބަބުން ލިބިވަޑައިގަތް އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް އާޒިމް ވަނީ ރޭ ފަހުން އޭޑީކޭ ހޮސްޕިޓަލަށް ވެސް ވަޑައިގެންފައެވެ.
މޭޔަރު އާޒިމްއަށް ދިން ހަމަލާ ކުށްވެރިކުރައްވާ، އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ވަގުތީ ޗެއާޕާސަން އަބްދުލް ގަފޫރު މޫސާ ވަނީ މިހަމަލާ ތަހުގީގުކޮށް މާލޭ މޭޔަރަށް ދޭން ޖެހޭ ފުރިހަމަ ރައްކާތެރިކަން ދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވައިފައެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދޭތޯ ސުވާލު ކުރުމުން އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.



