ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތްކުރާ އަލިމަސް އިންސްޓިޓިއުޓްގެ ފަރާތުން އުފައްދާފައިވާ ”ބަސްކާޑު“ ސެޓު، ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ނެރެދެއްވައިފިއެވެ.
މި ބަސްކާޑުތައް ނެރުއްވައިދެއްވީ ދިވެހިބަހުގެ އެކަޑަމީން އިއްޔެ ހަވީރު ހުޅުމާލޭ ރުއްގަނޑު ދޭއް ސަރަހައްދުގައި ބޭއްވި ”ދިވެހިބަހުގެ ހަވީރު“ ގައެވެ. މި ރަސްމިއްޔާތުގައި ވަޒީރު ހީނާ ވަލީދުގެ އިތުރުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދާއި، އަލިމަސް އިންސްޓިޓިއުޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އަލިމަސް އިންސްޓިޓިއުޓުން މަޢުލޫމާތު ދިން ގޮތުގައި، މި ބަސްކާޑުތަކަކީ އިނގިރޭސިބަސް ދަސްކުރުމަށް ބޭނުންކުރާ ”ވޯޑް ކާޑް“ ތަކުގެ އަސްލަށް ބަލައިގެން، ދިވެހިބަސް ދަސްކޮށްދިނުމަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. މިއީ ދަރިވަރުންގެ މެދުގައި ދިވެހިބަހަށް އޮންނަ ޝައުޤުވެރިކަން އިތުރުކޮށް، މުނިފޫހިފިލުވުމުގެ ތެރެއިން ބަސް އުނގަންނައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ އިންސްޓިޓިއުޓުން ސިފަކުރެއެވެ.
މި ބަސްކާޑުތައް ޚާއްސަކޮށްފައިވަނީ ތަޢުލީމީ މަންހަޖުގެ ކީސްޓޭޖް 1 އަދި ކީސްޓޭޖް 2 ގެ ދަރިވަރުންނަށެވެ. މީގެ ސަބަބުން ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް ދިވެހިބަހުގެ ލަފުޒުތަކާއި އޭގެ މާނަ ދަސްކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް އެ އިންސްޓިޓިއުޓުން މައުލޫމާތު ދެއެވެ.



