ނިމިދިޔަ މާރިޗު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު %35 އިތުރުވެއްޖެއެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއިން ވަނީ 69 މިލިޔަން ރުފިޔާގެ މަސް އެކްސްޕޯޓުކޮށްފައެވެ. މިއަހަރުގެ ފެބުރުއަރީމަހު ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ 51 މިލިޔަން ރުފިޔާގެ މަހެވެ.
އެހެންކަމުން މަހުން މަހަށް ބަލާއިރު މަސް އެކްސްޕޯޓުކުރި މިންވަރު ވަނީ %35 އިތުރުވެފައެވެ.
ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓުކުރަނީ ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލިއެވެ.
އެގޮތުން ކަޅުބިލަމަސް ގަނޑުކޮށްގެން، ތާޒާކޮށް، އަދި ދަޅުގައި ބަންދުކޮށްގެން ރާއްޖެއިން އެކްސްޕޯޓުކުރެއެވެ. ކަސްޓަމްސްއިން ތަފާސްހިސާބުތައް ދައްކާގޮތުން މާރިޗުމަހު ރާއްޖެއިން ދަޅުގައި ބަންދުކޮށްގެން ކަޅުބިލަމަސް އެކްސްޕޯޓުކުރި މިންވަރު ވަނީ %75 އިތުރުވެފައެވެ. އެގޮތުން ފެބުރުވަރީމަހު މި އަދަދު ހުރީ 29 މިލިއަން ރުފިޔާގައެވެ. މިއަދަދު މާރިޗު މަހު ވަނީ 51 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
މާރިޗު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ ބާވަތްތައް
° ދަޅު މަސް: 51 މިލިއަން ރުފިޔާ
° ގަނޑުކުރި ކަޅުބިލަ މަސް: 8 މިލިއަން ރުފިޔާ
° ތާޒާ ކަންނެލި މަސް: 6 މިލިއަން ރުފިޔާ




