ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ 97 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވަޑައިގަތުމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިޝްފާން މުޙައްމަދު ޑެންމާކަށް ވަޑައިގެންފިއެވެ.
މިއަދު ބާއްވާ މި ޖަލްސާގައި އެންމެ މުހިންމު އެއްކަމަކަށް އެޖެންޑާ ކޮށްފައިވަނީ މިހާރު ހުށަހަޅާފައިވާ ބެޑްމިންޓަންގެ އާ ސްކޯރިން ފޯމެޓް ކަމަށްވާ 15×3 ފޯމެޓަށް ވޯޓަށް އެހުމެވެ.
އަހަރީ އާންމު ޖަލްސާގެ ކުރިން މެންބަރުން މި ފޯމެޓަށް އަހުލުވެރިކުރުމަށް ވަނީ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ބާއްވާފައެވެ. އަދި ހުކުރު ދުވަހު ބޭއްވި މެންބަރުންގެ ފޯރަމުގައިވެސްވަނީ މި ކަމާބެހޭގޮތުން މެންބަރު ގައުމުތަކުގެ ޚިޔާލުތައް ހިއްސާކޮށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. ހުކުރު ދުވަހު ބޭއްވި ފޯރަމްގައި ވެސް އިޝްފާން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން އޭޕްރީލް 7 އަދި 8 ގައި ބޭއްވި ދެ ބައްދަލުވުމެއްގައި މެންބަރު އެސޯސިއޭޝަންތަކުން 125 އޮފިޝަލުން ބައިވެރިވިކަމަށް ބީޑަބްލިއުއެފުން ވަނީ ބުނެފައެވެ.
ޑެންމާކްގެ ހޯސެންސްގައި ހޮނިހިރު ދުވަހު ބާއްވާ ޖަލްސާއަށްފަހު ގާލާ ޑިނާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.




