ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ 3 ވަނަ ފިޔަވަހީގެ ދަށުން ހެދުމަށް ހަމަޖެހިފައިވާ މަގުތަކުގެ ސަރވޭގެ މަސައްކަތްތައް ފަށައިފިއެވެ.
މަގު ހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތްތައް ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، (އާރްޑީސީ) އާއެވެ. އެކުންފުންޏާ މި މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 31 ޖުލައި 2025 ގައެވެ. އަދި މިދިޔަ އޮގަސްޓްމަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި މަޝްރޫޢު ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.
އާރްޑީސީން ބުނީ، ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގައި ހިމެނޭ މަގުތަކުގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ކުރަންޖެހޭ ސަރވޭގެ މަސައްކަތް އެކުންފުނީގެ މުވައްޒަފުން މިހާރު ކުރަމުންދާކަމަށެވެ.
މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށި ސީޓިގައި 3.4 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ހަމަޖެހިފައިވެއެވެ. އަދި ދުވާރު ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ އިތުރުން ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުމާއި ކުޅުދުއްފުށި ސިޓީގެ ނުހަދާ ހުރި ހުރިހާ މަގެއް ޑިޒައިން ކުރުން ހިމެނެއެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، މި މަޝްރޫޢު އާރްޑީސީއާ ޙަވާލުކޮށްފައިވަނީ 730 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަސައްކަތަށް 100.4 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.



