ފުލުހުންގެ ބަންދުގައި ހުރި ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން 2026 އޭޕްރީލް 24 ދުވަހުގެ މެންދުރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
ނިޔާވެފައިވަނީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ މައްޗަށްކޮށްފައިވާ އަމުރަކާގުޅިގެން ބަންދުގައިހުރި 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވިއެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާނެ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




