އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް، އެކަށީގެންވާ ފެންވަރެއްގައި ލިބޭނޭ ގޮތް ކަށަވަރުކުރުން ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ކ.އަދި ވ.އަތޮޅުގައި ފެށުމާއި ”ޕްރައިމަރީ ހެލްތު ކެއަރ ރީވައިޓަލައިޒޭޝަން ޕްރޮގްރާމް“ގެ ކޮމިއުނިކޭޝަން ކެމްޕޭން އިފްތިތާހް ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ގީލާ ވިދާޅުވީ، ސިއްހީ ދުޅަހެޔޮކަމުގެ ވާހަކަ ދައްކާއިރު ވިސްނާލަންޖެހޭ ވަރަށް މުހިއްމު ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ފަރުދީ އަދި އާއިލީ ފެންވަރުގައި ދިރިއުޅުމުގެ އާދަކާދަތައް ހުންނަގޮތުގެ މައްޗަށާއި، ވަށައިގެންވާ މާޙައުލުގައި ކަންކަން އިންތިޒާމުވެފައި ހުންނަ ގޮތުގެ އިތުރުން ޞިއްޙީ މަޢުލޫމާތާއި ޞިއްޙީ ފަރުވާ ފަސޭހަކަމާއިއެކު ލިބޭނެހެން ސިއްހީ ޚިދުމަތުގެ ނިޒާމު ޤާއިމުވެފައިވުމުގެ މުހިންމު ކަމަށެވެ.
”އަޅުގަނޑުމެންނަށް ތަޖުރިބާ ދަސްކޮށްދީފައިވާ އެއް ފިލާވަޅަކީ، ޒާތީ ދިރިއުޅުމާއި ވަށައިގެންވާ މާޙައުލުގައި ހިނގާ ކޮންމެ ކަމެއްވެސް ފަރުދުންނާއި ޖަމާއަތުގެ ދުޅަހެޔޮކަމާއި ގުޅި ލާމެހިފައިވާކަން. އަދި ހަމަ އެހެންމެ، އާއްމު ޞިއްޙަތުގެ މާޒީއާއި މިފަހުގެ ކާމިޔާބީތަކަށް ބަލައިލި ނަމަވެސް، ސާބިތުކޮށްދެނީ، ރައްޔިތުންގެ ޞިއްޙީ ކަންކަމުގައި ރައްޔިތުންނާއި ގާތުން ރައްޔިތުންނާއި އެކުގައި މަސައްކަތް ކުރުމުގެ ހެޔޮ ނަތީޖާ. ޞިއްޙީ ދާއިރާގެ އަބަދުގެވެސް އަމާޒަކީ، ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް، ރައްޔިތުންނާއި ގާތުން އެންމެ އެކަށީގެންވާ ފެންވަރުގައި އަދި ފަސޭހަކަމާއިއެކު ލިބޭނޭ ގޮތް ކަށަވަރު ކުރުން“ ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި މަޤްސަދު ހާސިލު ކުރުމަށް އެންމެ އެކަށީގެންވާ ނިޒާމަކީ އިބްތިދާޢީ ސިއްހީ ފަރުވާގެ ނިޒާމު ނުވަތަ ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު ކަމަށެވެ.




