ހުކުރު ދުވަހުގެ ރޭ މާލޭގައި އިދިކޮޅު އެމްޑީޕީ އިން ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން މާލޭގެ މޭޔަރު އާދަމް އާޒިމަށް ހަމަލާ ދޭން އުޅުނު މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް މިއަދު ބުނެފިއެވެ.
އެމްޑީޕީން މިހާރު ސިލްސިލާކޮށް ރޭގަނޑު ބާއްވަމުންދާ މަގުމަތީ ހަރަކާތްތަކުގެ ތެރެއިން ހުކުރު ދުވަހުގެ ރޭ ބޭއްވި ހަރަކާތުގައި އާޒިމް ބައިވެރިވެވަޑައިގަތެވެ. ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ވީޑިއޯ އިން ފެންނަނީ ހަރަކާތުގެ ބައިވެރިންނާ އެކު އެންމެ ކުރީ ސަފުގައި ހުންނަވައި އާޒިމް ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެ މަގުން ހިނގާފައި އެ މީހުންނާ ދިމާއަށް ދިޔަ މީހަކު އާޒިމްގެ މޭމަތީ އަތްއަޅާ ކޮއްޕާލާތަނެވެ.
އެއާއެކު އާޒިމް ކައިރީގައި ތިބި މީހުންގެ ތެރެއިން ބަޔަކު، އެ މީހާއަށް ރައްދުގައި ހަމަލާދޭތަން ވެސް ފެނެއެވެ. އެ ހަމަލާއަށް ފަހު ފަރުވާ ހޯއްދެވުމަށް އާޒިމް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ވެސް ވަޑައިގެންފައެވެ.
ފުލުހުން މިއަދު ބުނީ އެއްވުމުގެ ތެރެއިން މާލެ ސިޓީ މޭޔަރަށް މީހަކު ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެކަން ތަހުގީގު ކުރަން ފަށާފައި ކަމަށެވެ.
މިކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.



