ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި އެތައް ކަމެއް ގޯސްކޮށް ދިޔައިރު، ރައްޔިތުންގެ މަޖިލިސް މެންބަރުކަމުން އިސްތިއުފާ ނުދެއްވީ ކީއްވެތޯ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ސުވާލު ކުރައްވައިފިއެވެ.
ރައީސް ޞާލިހުގެ ވެރިކަމުގައި ރައީސް ނަޝީދު ހުންނެވީ މަޖިލިސް ރައީސްކަމުގެ ވެސް މަގާމުގައެވެ.
ޝުޖާއު މިހެން ވިދާޅުވީ ގައުމަށް ހެޔޮ އެދޭ ނަމަ، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން އެބޭފުޅުންގެ ގޮނޑި ދޫކޮށްލަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސަރުކާރު ޕާޓީގެ މެންބަރުންނަށް ނަޝީދު ނަސޭހަތް ދެއްވީ ރައީސް މުހައްމަދު މުއިއްޒުއާ ދުރަށްޖެހި، މަޖިލީހުން އިސްތިއުފާ ދެއްވުމަށެވެ.
އަޅުގަނޑު ދަންނަވާނަން، ޕީއެންސީގެ ހުރިހާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ތިބޭފުޅުން ރާއްޖެއަށް ހެޔޮ އެދޭނެމަ (ގޮނޑި) ދޫކޮށްލައްވާށޭ. ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި ތިބޭފުޅުން ތިއްބަވައިފި ނަމަ ތިބޭފުޅުންނަށް ވާ ގޮތް ކައުންސިލް އިންތިހާބުގައި ވަރަށް ސާފުކޮށް ފެނިގެން އެދިޔައީ،“ ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ އެވާހަކަފުޅަށް ރައްދު ދެއްވަމުން ޝުޖާއު ”އެކްސް“ ގައި މިއަދު ސުވާލު ކުރެއްވީ، ރައީސް ޞާލިހްގެ ވެރިކަމުގައި ރާއްޖޭގެ ތާރީޚްގައި ނުދަރާވަރަށް ދިވެހި ދަޢުލަތް ދަރުވައި، ރާއްޖޭގެ ކަނޑުގެ ބައެއް ސިއްރު ސިޓީފުޅަކުން ދޫކޮށްލައްވައި ރާއްޖޭގެ މަގުތަކުގައި ބޮންގޮވައި ހެދިއިރު ރައީސް ނަޝީދު އިސްތިއުފާ ނުދެއްވީ ކީއްވެތޯއެވެ.
މީގެއިތުރުން، ރައީސް ނަޝީދުގެ އަމިއްލަ ޕާޓީ (އެމްޑީޕީ) އަކީ ވަގުންގެ ނެޓްވޯކެއް ކަމަށް ނަޝީދު ވިދާޅުވެ، އެ ޕާޓީ ދޫކުރައްވައި ނުކުމެވަޑައިގެން އެހެން ޕާޓީއެއް ހައްދަވައި ސިޔާސީ މަސައްކަތްޕުޅު އެޕާޓީގެ ތެރެއިން ފައްޓަވައި މިހުރިހާ ކަމެއް ހިނގައި ދިޔަ ދުވަސްވަރު ނަޝީދާއެކު މަސައްކަތްޕުޅު ކުރެއްވި ހުރިހާ މެމްބަރުން ތިއްބެވީ މަޖިލީހުގައި ކަމަށާއި ޤައުމަށް ހެޔޮއެދިވަޑައިގެން އެ މަނިކުފާނާއެކު މަސައްކަތްޕުޅު ކުރެއްވި މެންބަރުން މަޖިލީހުގެ މެންބަރުކަމުން އެދުވަސްވަރު އިސްތިއުފާ ނުދެއްވީ ކީއްވެތޯ ވެސް ސުވާލު ކުރެއްވިއެވެ.



