އެކި މައްސަލަތަކުގައި ވަގަށް 600،000 އަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފިއެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، އެއީ މާލޭގެ އެކި ޕޮލިސް ސްޓޭޝަންތަކަށް މި މަހު 15 އާއި 21 އާ ދެމެދު ހުށަހެޅި ވައްކަމުގެ މައްސަލަތަކުގެ ތަހުގީގުގައި ފުލުހުން އަނބުރާ ހޯދައިދީފައިވާ ފައިސާ އެވެ.
އެގޮތުން ޖުމްލަ 619،048 ރުފިޔާ ފުލުހުން ރިކަވާކޮށްދީފައިވެއެވެ.
އެއީ:
ހެންވޭރު ޕޮލިސް ސްޓޭޝަނުން 95،894ރ.
ގަލޮޅު ޕޮލިސް ސްޓޭޝަނުން 173،800ރ.
މާފަންނު ޕޮލިސް ސްޓޭޝަނުން 65،644ރ.
ހުޅުމާލޭ ޕޮލިސް ސްޓޭޝަންތަކުން 283،710ރ.
ފެނިފައިވާ ފައިސާ އާއި ތަކެތީގެ އަގުގެ ތެރޭގައި ހިމެނެނީ ރިޕޯޓްކޮށްފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅިގެން ހޯދިފައިވާ ނަގުދު ފައިސާ އާއި ތަކެތީގެ އަންދާޒީ އަގުތައް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުގައި މި މަހުގެ މިހާތަނަށް 715 މައްސަލައެއް އެ އިދާރާއަށް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރެއިން 196 މައްސަލައަކީ ވައްކަމުގެ މައްސަލަތަކެވެ. އަދި ފޭރުމުގެ 14 މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވެއެވެ.



