ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރްއާއި ޓްވިންކަލް ކަންނާގެ 13 އަހަރުގެ އަންހެން ދަރިފުޅު ނިތާރާއަށް އޮންލައިންކޮށް ފުރައްސާރަކޮށް، ބަރަހަނާ ފޮޓޯ ފޮނުވަން އެދުނު މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ އަހަރު ރިޕޯޓުކުރި މި ހާދިސާއާ ބެހޭގޮތުން އަކްޝޭ ބުނީ ދަރިފުޅު ނިތާރާއަށް މީހަކު ފުރައްސާރަކުރީ އޮންލައިންކޮށް ގޭމު ކުޅެނިކޮށް ކަމަށާއި އެމީހާ ދަރިފުޅު ގާތު ބަރަހަނާ ފޮޓޯ ފޮނުވަންވެސް އެދުނު ކަމަށެވެ.
ނިތާރާ ވަގުތުން އެކަން އަކްޝޭއާއި ޓްވިންކަލް ގާތު ބުނި ކަމަށާއި ހަމައެވަގުތު ފުލުހުންނަށް މައްސަލަ ހުށަހެޅި ކަމަށް އަކްޝޭ ބުނެފައިވެއެވެ.
އަކްޝޭ އެއިރު ބުނީ އެ މީހާ ދަރިފުޅާ ބެހޭ މައުލޫމާތުތަކެއް ހޯދުމަށް ފަހު، ވަރަށް ޒާތީ މައުލޫމާތުތަކެއް ސާފުކޮށް ދަރިފުޅުގެ ބަރަހަނާ ފޮޓޯތަކެއް ފޮނުވައި ދޭން އެދުނު ކަމަށެވެ.
އެއިރު އެ ހާދިސާ އާއްމުންނާ ހިއްސާކުރި އެންމެ މުހިއްމު އެއް ބޭނުމަކީ، އޮންލައިން ގޭމްތައް ކުޅޭއިރު ކުދިންނަށް ކުރިމަތިވެދާނެ ނުރައްކާތަކާއި، ޑިޖިޓަލް ދުނިޔޭގައި ހޭލުންތެރިވުމުގެ މުހިންމުކަން ހާމަކުރުމާއި މައިންބަފައިންނަށް އެފަދަ ކަންކަން ސިއްރު ނުކުރުމުގެ މުހިންމުކަން އަންގައިދިނުމަށް ކަަމަށް ވެސް އަކްޝޭ ބުންޏެވެ.
އޭގެ އެތައް މަސްތަކެއް ފަހުން، މި މަސްތެރޭ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މި މައުލޫމާތު ހާމަކުރެއްވީ އާރުޑީ ނޭޝަނަލް ކޮލެޖުގައި ބޭއްވި ސައިބަ ހޭލުންތެރިކަމުގެ ސެޝަނެއްގައި، އެޑިޝަނަލް ޑައިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް ޔަޝަސްވީ ޔާދަވް އެވެ.
ނަމަވެސް އަކްޝޭގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި ހައްޔަރުކުރި މީހާއާ ބެހޭ އިތުރު ތަފްސީލެއް ނުވަތަ ކުރިއަށްދާ ތަހުގީގާ ބެހޭ މައުލޫމާތެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެއެވެ.
މި މައްސަލައާ ބެހޭގޮތުން ވާހަކަދައްކަވަމުން ޔާދަވް ވިދާޅުވީ، އަކްޝޭ ކުމާރު ހިއްސާކުރީ ވަރަށް ސިހުން ގެނުވި ވާހަކައެއް ކަމަށެވެ.
”އަކްޝޭގެ އަންހެން ދަރިފުޅަށް ބިރުދައްކައިގެން ބަދުއަޚުލާގީ އަމަލު ހިންގަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އެކްޓަރު ފުލުހުންނަށް އެންގި. އެ ކުއްޖާއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއް. އޭނާ އެކަން މައިންބަފައިންނަށް އެންގުމުން މައިންބަފައިންގެ ފަރާތުން އަޅުގަނޑުމެންނަށް މި މައުލޫމާތު ލިބި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން މިވަނީ ފަށާފައި“ ޔާދަވް ވިދާޅުވިއެވެ.



