ރާއްޖޭގައި ވެސް ޒަމާނުއްސުރެ ހިނގަމުން އަންނަ، އަދި މި ފަހަކަށް އައިސް އާންމުވަމުން އަންނަ ”ބުލީ“ ނުވަތަ ހަނގާ ކުރުމާ ދެކޮޅަށް ސަރުކާރުން ވަރަށް އަވަހަށް ޤާނޫނެއް ހަދަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، ބުލީ ކުރުމަކީ އިއްޔެއަކު މިއަދަކު ރާއްޖޭގައި ފެށިފައިވާ ކަމެއް ނޫން ކަމަށާއި މިއީ ބައިވަރު މައްސަލަތައް ހިމެނޭ ވަރަށް ނުރަނގަޅު އާދައެއް ކަމަށެވެ.
މިފަދަ ކަންކަން ކުރުން ހުއްޓުވަން ސަރުކާރުން ވެސް ކަންތައްތަކެއް ކޮށްފައިވާނެ ކަމަށާއި އިތުރު ކަންތައްތަކެއް ކުރަން ގަސްދުކުރައްވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ޤާނޫނީ ނިޒާމުގެ ތެރޭގައިވެސް ބުލީ ކުރުމާ ގުޅޭ ކަންކަމާމެދު ފިޔަވަޅު އެޅޭގޮތް ވަނީ ބަޔާން ކޮށްފައި ކަމަށާއި ރާއްޖޭގެ ޤާނޫނުލްއުގޫބާތަށް މި ސަރުކާރުން 2024 ޑިސެމްބަރު 17 ގައި ގެނެވުނު 6 ވަނަ އިސްލާހުގައި، ސައިބަރ ވަޔަލަންސް އަކީ ކުށެއް ކަމުގައި ކަނޑައަޅާފައިވާނެ ކަމަށެވެ.
”އޭގެ ތެރޭގައި ސައިބަރ ސްޓޯކިންގް ވެސް ހިމެނޭ. އަދި މިފަދަ އަމަލުތައް ފުލުހުން ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް ޕީޖީއަށް ހުށަހެޅުން ވެސް ކުރިއަށްދޭ. ޤާނޫނީ ނިޒާމުގެ ތެރެއިން މިކަން އިތުރަށް ހުއްޓުވުމަށްޓަކައާއި މިފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި ބުލީ ކުރުން އެއީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް، އެކަމާ ގުޅޭ ޚާއްސަ ޤާނޫނެއް (އެންޓި-ބުލީ) ޤާނޫނެއް ތައާރަފް ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށައިފިން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ އެ ޤާނޫނު ތަޢާރަފްކުރުމުގެ މަސައްކަތް މިހާރު އެޓާނީ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދާ ކަމަށާއި އެކަމާ ގުޅޭ ފަންނީ ބޭފުޅުންގެ ލަފަޔާވެސް އެކީގައި އެ ބިލު ފަރުމާ ކޮށްފައި ވަރަށް އަވަހަށް އެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.




