މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން، ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ އަދަދު މިމަހު ތިންބައިކުޅަ އެއްބައި ދަށްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ނޫސްވެރިޔާ ސުވާލުކުރީ، ވިޔަފާރިވެރިންނަށް ޑޮލަރު ލިބުމުގައި ދަތިތައް ދިމާވާކަން ފާހަގަކުރާ ކަމަށާއި އެކަން މިހާތަނަށް އައިރު ހައްލުނުވެ އޮތީ ކީއްވެތޯއެވެ.
އެ ސުވާލު ތަކުރާރުވަމުން އަންނަކަން ފާހަގަ ކުރައްވަމުން އިކޮނޮމިކް މިނިސްޓަރު ވަނީ، މިދިޔަ ތިން މަސްދުވަހު ވިޔަފާރިވެރިންނަށް ބީއެމްއެލްއިން ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފާސްހިސާބުތަކެއް ދެއްވާފައެވެ.
އެގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އަސާސީ ބޭނުންތަކަށް މުދާ ގެނައުމަށާއި އެހެން ވިޔަފާރީތަކުގެ ބޭނުމަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަން 106.2 މިލިއަން ޑޮލަރު ބީއެމްއެލްއިން ވިއްކާފައިވާ ކަމަށެވެ. މިއީ ގާތްގަނޑަކަށް އެވްރެޖުކޮށް މަހަކަށް 35.4 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ކަމަށާއި މިއީ މިިދިޔަ އަހަރާ އަޅާބަލާއިރު %142ގެ އިތުރުވުމެއްކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
އޭގެއިތުރުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޓީޓީއަށް 38،528 ޑޮލަރު ވިޔަފާރިވެރިންނަށް ދޫކޮށްފައިވާއިރު، މިމަހު އެކަނި ފޮނުވި ޓީޓީގެ އަދަދު އުޅެނީ 6،539 ޑޮލަރުގައިކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ފުރަތަަމަ ތިން މަސްދުުވަހުގެ ތެރޭގައި ކްރެޑިޓް އަދި ޑެބިޓް ކާޑުގެ މުއާމަލާތްތަކަށް، 119.9 މިލިއަން ޑޮލަރު ބީއެމްއެލްއިން ވަނީ ވިއްކާފައެވެ. އެއީ މަަހަކަށް 40 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރާ ބަލާއިރު %23 އިތުރު އަދަދެކެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖެއިން ބޭރުން މުދާ އެތެރެކުރުމަށާއި ހިދުމަތްތަކަށް ބޭރަށް ފޮނުވާ ފައިސާ މި މަހު ދެގުނަ އިތުރުވެފައިވާ ކަމަށެވެ. އެކަމަކު، ރާއްޖެ އެތެރެވާ ފައިސާ ތިންބައިކުޅަ އެއްބައި ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެ އެތެރެވާ ބޭރު ފައިސާގެ އަދަދު ދަށްވެފައިވަނީ ރާއްޖެއަށް ފަތުރުވެރިން އައުން މަދުވެފައިވާތީ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
”ބޭންކަށް ރާއްޖެއިން ބޭރުން އަންނަ ފައިސާ އަދި ފޮނުވާ ފައިސާއަށް އައިސްފައިވާ ބަދަލާ އެކު، ހަނގުރާމައިގެ ސަބަބުން ފަތުރުވެރިންގެ ކެންސަލޭޝަން އަދި ޓޫރިސްޓު ސްޕެންޑިން ދަށްވުމުގެ ސަބަބުން، އެނގިވަޑައިގަންނަވާނެ ހަނގުރާމައާ އެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް ދަށްވެފައި ވަނީ. ބޭރުން އަންނަ ފައިސާ އޭޕްރީލު މަހު ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ދަށްވެފައިވަނީ،“ އިކޮނިމިކް މިނިސްޓަރު ވިދާޅުވިއެވެ.



