ކުރީގެ ރައީސް މުޙައްމަފު ނަޝީދާއި އިދިކޮޅު އެމްޑީޕީގެ ގިނަ ބަޔަކު މަގުމައްޗަށް ނުކުތްކަމުގައި ވިޔަސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރެއް މަގުމަތިން ވައްޓައެއް ނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) މިއަދު ވިދާޅުވެއްޖެއެވެ.
އައިބީ މިފަދައިން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. މި ބިލަކީ އަތޮޅު ކައުންސިލްތައް އުވައިލުމަށް ނިންމާފައިވާ ނިންމުން ބަދަލުކޮށް، އެ ކައުންސިލްތައް އަލުން ރުޖޫއަކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ.
އެގޮތުން މެންބަރު ކުޑޫ ވިދާޅުވި ގޮތުގައި އަތޮޅު ކައުންސިލްތައް އުވައިލުމަކީ ލާމަރުކަޒީ ނިޒާމަށް ލިބުނު އުނިކަމެއް ކަމަށާއި، މިއީ ރައްޔިތުންގެ ރުހުމެއް ނެތި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ގެންނެވި ބަދަލެކެވެ.
މި އިސްލާހަށް ރައްދުދެއްވަމުން އައިބީ ވިދާޅުވީ މިއީ ސަރުކާރަށް ޖެއްސުން ކުރުމަށްޓަކައި މަކަރުވެރި ރޭވުންތަކެއްގެ ތެރެއިން މަޖިލީހަށް ވައްދާފައިވާ ބިލެއް ކަމަށެވެ. އަދި އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމު ވުޖޫދުވިއިރު ވެސް އޮންނަން ޖެހޭ އެއްޗެއް ނޫން ކަމަށާއި، ރަށްރަށުގެ ކައުންސިލްތައް އެކުލަވާލާފައިވަނީ ވެސް އެއްވެސް އުސޫލަކުން ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އައިބީ ވިދާޅުވީ މި ގާނޫނަށް އިސްލާހު ގެންނަންޏާ ގެންނަން ވަރަށް މުހިންމު ކަންކަން އެބަހުރި ކަމަށެވެ. އައިބީ ވިދާޅުވީ އިސްލާހުތަކޭ ވިދާޅުވެ ތާކުންތާކު ނުޖެހޭ އިސްލާހުތައް މަޖިލީހަށް ވައްދައިގެން ކަންކަން ގޯސްކުރަން އިދިކޮޅުން މަސައްކަތް ކުރަމުން އަންނަކަމަށެވެ.




