ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ބުނެ ގެނައި ޑޮކިއުމެންޓްރީގެ މައްސަލައިިގައި ”އަދަދު“ ނޫސް ބަލައި ފާސްކޮށް، ޖިނާއީ ތަހުގީގެއް ހިންގުމަކީ ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވާ ގަނޫނީ ބާރެއްގެ އިތުރުން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މައްސަލައިގައި މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކެއް ނަމަވެސް، އެއީ ހައްދެއް ނެތް ގޮތަށް ދީފައިވާ މިނިވަންކަމެއް ނޫން ކަމަށެވެ. ވަކިން ހާއްސަކޮށް، މީހެއްގެ އަބުރާއި އިއްޒަތަށް އުނިކަން އަންނަ ގޮތަށް ދޮގު ވާހަކަ ފެތުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭކަމެއް ނޫންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިހުސާން ވަނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާ ފާހަގަކުރައްވައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނީ ވަކި އިމެއްގެ ތެރޭގައިކަމަށް ވިދާޅުވެފަ އެވެ. އަދި ގާނޫނުއަސާސީގެ 33 ވަނަ މާއްދާގައި ބަޔާންކުރާ އަބުރު ރައްކާތެރިކުރުމުގެ ހައްގު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ހޯމް މިނިސްޓަރު ވިދާޅުވީ ރައީސްގެ މައްޗަށް އެފަދަ ނުރައްކާތެރި ދޮގު އިލްޒާމެއް އެޅުވުމަކީ ނޫސްވެރިކަމެއް ނޫން ކަމަށެވެ. އެއީ އެމަނިކުފާނުގެ އިންސާނީ ކަރާމާތާއި، އާއިލާއާއި، އަދި އެމަނިކުފާނު ފުރުއްވާ މަގާމުގެ ހައިބަތަށް ދިން ސީދާ ހަމަލާއެއްކަމަށް އިހުސާން ވިދާޅުވި އެވެ. އަދި ވިދާޅުވީ މިފަދަ އަސާސެއް ނެތް ތުހުމަތުތަކުގެ ސަބަބުން މުޖުތަމައުގެ ބަދަހިކަން ގެއްލި، ފިތުނަ އުފެދި، އިއާދަނުކުރެވޭ ފަދަ ގެއްލުންތައް ލިބިގެންދާނެ ކަމަށެވެ.
”އަދަދު“ ނޫސް ހިންގާ އޮފީސް ބަލައިފާސްކޮށް ބައެއް އިލެކްޓްރޯނިކް ސާމާނުތައް ގެންދިއުމަކީ ނޫސްވެރިކަމަށް ދިން ހަމަލާއެއްކަމަށް ބުނެ، އިދިކޮޅުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި ރޭ ބައެއް ނޫސްވެރިންތަކެއް ވެސް އެ ސަރަހައްދުގައި، ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލައި އިހުތިޖާޖުކޮށްފައި ވެއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ، މިއީ ނޫސްވެރިކަމަށް ދޭ ހަމަލާއެއެް ނޫންކަމަށެވެ. އަދި ވިދާޅުވީ ފުލުހުން ކުރާ ކޮންމެ މަސައްކަތަކީ ކޮންމެ ރައްޔިތަކަށްމެ ލިބިދޭ އަބުރު ރައްކާތެރިކުރުމުގެ ހައްގު ހިމާޔަތްކޮށް، ޤާނޫނުއަސާސީ ނަގަހައްޓައި ދެމެހެއްޓުން ކަމަށެވެ.



