އެކަކު އަނެކަކުގެ އަބުރު ކަތިލުމާ ދެކޮޅަށް މުއައްސަސާތަކުން ތެދުވަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.
ރުކުމާ މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ބުނެ ”އަދަދު“ ނޫހުން މިދިޔަ މަހުގެ 28ގައި ގެނެސްދިން ޑޮކިއުމެންޓަރީއާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްފައެވެ.
ރައީސް މުޢިއްޒުގެ އަބުރުފުޅު ކަތިލައި، ބޮޑެތި ތުހުމަތުތަކެއްކޮށް މީހަކު ދީފައިވާ އިންޓަވިއުއެއް އަދަދު ނޫހުން ވަނީ ޑޮކިއުމެންޓަރީއެއްގެ ސިފައިގައި ގެނެސްދީފައެވެ. އެކަމާ ގުޅިގެން އެކަން ތަހުގީގު ކުރުމަށް ފުލުހުން ރޭގައި ވަނީ އަދަދު ނޫސް ހިންގާ އިދާރާއަށް ވަދެ، އެތަނުން ބައެއް އާލާތްތައް ވެސް ގެންގޮސްފައެވެ. އަދި އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ.
ފުލުހުންގެ އެ ތަހުގީގާ ގުޅިގެން އެއީ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުންކަމަށް ބުނެ ބައެއް މީޑިއާތަކާއި އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
މިކަމާ ގުޅިގެން ”ސައުވީސް“ އާ ވާހަކަ ދައްކަމުން ރުކުމާ ވިދާޅުވީ، އަބުރު ކަތިލުމުގެ ޝިކާރައަކަށް ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ވާކަމަށެވެ.
އަބުރު ކަތިލުމުގެ ސަބަބުން ނޭދެވޭ އެތައް ބައިވަރު ކަންތައްތަކެއް ކުރިމަތިވާކަން ވެސް ރުކުމާ ވަނީ ފާހަގަ ކުރައްވާފައެވެ.
”ޤާނޫނުގައި ލިބިދީފައިވާ ބާރެއްގެ މަފްހޫމަކީ އެޔެެއް ނޫން. ޤާނޫނުގައި ބްރޯޑްކާސްޓު ކުރުމާއި ނޫސްވެރިކަމަށް ލިބިދީފައި އޮންނަ ބާރުތަކާ އެއްވަރަށް އަނެކާގެ ހައްޤުތައް ރައްކާތެރިކުރުން ވެސް އޮވޭ. އެހެންކަމުން އަބުރު ކަތިލުމާ ދެކޮޅަށް މުއައްސަސާތަކުން ތެދުވަންޖެހޭ“ ރުކުމާ ވިދާޅުވިއެވެ.
”އަދަދު“ ނޫހުން ގެނެސްދީފައިވާ ޑޮކިއުމެންޓަރީއާ ގުޅިގެން ފުލުހުން ތަހުގީގު ކުރަން ފަށާފައިވަނީ ރައީސް މުޢިއްޒު އެ މައްސަލަ ޖައްސަވައިގެން ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް އެކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއަދު ވަނީ ދޮގުކުރައްވާފައެވެ.



