ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ތުހުމަތުތަކެއްކޮށް ”އަދަދު“ ނޫހުން އުފައްދާފައިވާ ޑޮކިއުމެންޓްރީއާ ގުޅިގެން، އެ ނޫހުގެ ސީއީއޯ އަދި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިންގް އެޑިޓަރު ހަސަން މުހައްމަދު މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.
މިދިޔަ މަހު 28ގައި އާންމު ކުރި އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށާފަ އެވެ.
އެ ތަހުގީގަށް އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ރޭ ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ކުރިއަށްގެންގޮސް، ނޫސް ހިންގަން ބޭނުންކުރާ އިލެކްޓްރޯނިކް ގިނަ ވަސީލަތްތައް ފުލުހުން ވަނީ ގެންގޮސްފައެވެ.
މީގެއިތުރުން އެ އޮޕަރޭޝަން ކުރިއަށް ދަނިކޮށް، ރޭ ވަގުތެއްގައި ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ހިފެހެއްޓުމަށް ވަނީ އަމުރު ނެރެފައެވެ.
ފުލުހަށް ހާޒިރުވުމަށް އަންގައި ފިޔާޒާއި ހަސަންއަށް ފޮނުވި ޗިޓުގައި ސަބަބެއް ކަމަށް ފުލުހުން ބުނެފައި ވަނީ ”ރައީސް މުހައްމަދު މުއިއްޒު ގަޒްފުކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އައިޝާ ނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިއުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ“ ކަމަށެވެ.
އެ މީހުން ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ ހެނދުނު 9 ޖަހާއިރަށެވެ.
މި މައްސަލައިގައި ފުލުހުން ހަވާލާދެނީ ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ އާއި 612 ވަނަ މާއްދާއަށެވެ.



