ގަޒުފަކީ މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމެވެ. އަދި ގަޒުފުކުރުމަކީ މީހެއްގެ މައްޗަށް ޒިނޭގެ ތުހުމަތު އެޅޭފަދަ ބަހެއް ބުނުމެވެ.
ގަޒުފުކުރުމަކީ މާތް ﷲ ސުބުހާނަހޫ ވަތައާލާގެ ހައްގުތަކަށް އަރައިގަތުމާއި ގުޅިފައިވާ ބޮޑު ފާފައެކެވެ. ހައްދު ކަނޑައެޅިފައިވާ ކުށެކެވެ. ގަޒުފުކުރުން މަނާކުރައްވާފައި ވަނީ މީހުންގެ އަބުރު ރައްކާތެރި ކުރުމުގެ ގޮތުންނެވެ.
ނޫރު ސޫރަތުގެ 4 ވަނަ އާޔަތާއި 5 ވަނަ އާޔަތުގައި މާތް ﷲ ސުބްހާނަހޫ ވަތައާލާ ވަހީ ކުރައްވާ އަންގަވާފައި ވެއެވެ.
وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاء فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا وَأُوْلَئِكَ هُمُ الْفَاسِقُونَ(4) إِلَّا الَّذِينَ تَابُوا مِن بَعْدِ ذَلِكَ وَأَصْلَحُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ(5)
މި ދެ އާޔަތުގެ މަފުހޫމަކީ؛ އިއްފަތްތެރި އަންހެނުންނަށް ގަޒްފުކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެމީހުންގެ ގައިގައި އަށްޑިހަ އެތިފަހަރުން ހައްދުޖަހާށެވެ! އަދި ދުވަހަކުވެސް އެމީހުންގެ ހެކިބަހެއް ތިޔަބައިމީހުން ގަބޫލުނުކުރާށެވެ!(4) އަދި އެއުރެންނީ، ހަމަ، ފާސިގުންނެވެ. އެއަށްފަހު ތައުބާވެ (އަމަލުތައް) އިސްލާހުކޮށްފި މީހުން މެނުވީ އެވެ. ފަހެ، ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، އޯގާވަންތަ ރަސްކަލާނގެ އެވެ.(5)
ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި މިއާޔަތް އޭގެ މިނަށްވުރެ ފުޅާ ނުކުރެވޭނެ އެވެ. ނޫރު ސޫރަތުގެ 4 ވަނަ އާޔަތުގައި އޮތީ އަންހެނުންނާމެދު ޒިނޭގެ ތުހުމަތުކުރުމުގެ ވާހަކަ އެވެ. ނަމަވެސް ޖުމްހޫރު އިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންނާމެދު ވެސް ޒިނޭގެ ތުހުމަތުކުރުމުގެ ހުކުމަކީ އެއް ހުކުމެކެވެ.
ނުސީދާ ބަހަކުންވެސް ގަޒުފު ކުރެވިދާނެއެވެ. މިސާލަކަށް ބުނަނީނަމަ؛ ފިރިހެނަކާ ދިމާލަށް އޭނާގެ އަންހެނުންގެ ބަޑުގައިވާ ދަރިއަކީ އެހެން މީހެއްގެ ދަރިއެއްކަމަށް ބުނުމެވެ. މިތާގައި ސީދާ ޒިނޭގެ އިބާރާތެއް ބޭނުމެއް ނުކުރެއެވެ. އޮތީ ނަސަބު ނަފީ ކުރުމެކެވެ. މާލިކީ މަޒުހަބާއި ހަނަފީ މަޒުހަބުގެ އިލްމުވެރިން ވިދާޅުވާ ގޮތުގައި ނަސަބު ނަފީ ކުރުންވަނީ ގަޒުފުގެ ތެރެއިންނެވެ. މީހަކު ބުނި ބަހެއް އެއީ ގަޒުފުގެ ބަހެއްތޯ ކަޑައެޅުމުގައި ބޭނުން ކުރާނީ މައުލޫއީ މިންގަޑެކެވެ. ނަމަވެސް ޝާފިއީ މަޒުހަބާއި ހަންބަލީ މަޒުހަބުގެ އިލްމުވެރިން ވިދާޅުވާ ގޮތުގައި ނުސީދާ ބަހަކުން ގަޒުފެއް ނުކުރެވޭނެއެވެ. އެ ވާންވާނީ ސަރީހަ ބަހަކަށެވެ.
ޒިނޭކުރާ މީހާގެ ހުކުމްތަކަށްފަހު، އަދި މީހުންނާމެދު ޒިނޭގެ ތުހުމަތުކުރާ މީހުންގެ ހުކުމްތަކަށްފަހު، އެފަދަ ތުހުމަތުތަކުގެ އަނިޔާލިބޭ ފަރާތްތަކަށް އޮތް ނަފްސާނީ އެހީތެރިކަން ނޫރު ސޫރަތުގެ 11 ވަނަ އާޔަތުގައި ބަޔާންކުރައްވަނީ އަންނަނިވި ފަދައިންނެވެ.
إِنَّ الَّذِينَ جَاؤُوا بِالْإِفْكِ عُصْبَةٌ مِّنكُمْ لَا تَحْسَبُوهُ شَرًّا لَّكُم بَلْ هُوَ خَيْرٌ لَّكُمْ لِكُلِّ امْرِئٍ مِّنْهُم مَّا اكْتَسَبَ مِنَ الْإِثْمِ وَالَّذِي تَوَلَّى كِبْرَهُ مِنْهُمْ لَهُ عَذَابٌ عَظِيمٌ.
މި އާޔަތުގެ މަފުހޫމަކީ؛ ހަމަކަށަވަރުން، ބޮޑުވެގެންވާ ދޮގުވާހަކައާއިގެން އައި މީހުންނަކީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު މީހުންނެވެ. އެއީ ތިޔަބައިމީހުންނަށްހުރި ދެރައެއްކަމުގައި ތިޔަބައިމީހުން ހީނުކުރާށެވެ! އަދި ކިއެއްތަ! އެއީ ތިޔަބައިމީހުންނަށްހުރި ހެވެކެވެ. އެއުރެންކުރެ ކޮންމެމީހަކަށްމެ، ފާފައިގެ ތެރެއިން އެމީހަކު ހޯދައިގަތްކަމެއް ވެއެވެ. އަދި އެއުރެންގެ ތެރެއިން އެކަމުގެ ބޮޑުބައި ލިބިގަތްމީހާ (ދަންނާށެވެ!) އޭނާއަށް ބޮޑުވެގެންވާ އަޒާބު ހުއްޓެވެ.
މީސް މީހުނާމެދު ޒިނޭގެ ދޮގު ތުހުމަތުތައް ނިއުޅިގެންދާއިރު މުސްލިމުންގެ ހުންނަށްވީ ސިފަ ބަޔާންކުރައްވާ ނޫރު ސޫރަތުގެ 12 ވަނަ އާޔަތުގައި މާތް ﷲ ސުބުހާނަހޫ ވަތައާލާ ވަހީކުރައްވާ އަންގަވާފައި ވެއެވެ.
لَوْلَا إِذْ سَمِعْتُمُوهُ ظَنَّ الْمُؤْمِنُونَ وَالْمُؤْمِنَاتُ بِأَنفُسِهِمْ خَيْرًا وَقَالُوا هَذَا إِفْكٌ مُّبِينٌ.
މި އާޔަތުގެ މަފުހޫމަކީ؛ އެވާހަކަ އިވުނުހިނދު، މުއުމިން ފިރިހެނުންނާއި، މުއުމިން އަންހެނުން އެއުރެންގެ އަމިއްލަ ނަފުސުތަކާމެދުގައި ހެޔޮކޮށް ހީނުކުޅައީ ކީއްވެގެން ބާވައެވެ؟ އަދި މިއީ، ބަޔާންވެ ފާޅުވެގެންހުރި ބޮޑުދޮގެކޭ ނުބުނީ ކީއްވެގެން ބާވައެވެ؟
މި އާޔަތުން ދަލީލު ލިބޭ ގޮތުގައި ގަޒުފުގެ ތުހުމަތުމަތު ރައްދުވާ މީހުނާމެދުވެސް ތިމާގެ ނަފުސާމެދު ހެޔޮކަން ހިތާފަދައިން ހެޔޮކޮން ހިތައި ވިސްނަންޖެހެއެވެ. ގަޒުފުގެ ކޮންމެ ތުހުމަތަކާމެދު ވެސް ފުރަތަމަ ބަލަންވާނީ ދޮގު ހަބަރެއްގެ ގޮތުގައެވެ. އެކަން މި އާޔަތުން ވަރަށް ސާފުކޮން އެނގެން އެބައޮތެވެ.
ނޫރު ސޫރަތުގެ 13 ވަނަ އާޔަތުގައި މާތް ﷲ ސުބުހާނަހޫ ވަތައާލާ ވަހީކުރައްވާ އަންގަވާފައި ވެއެވެ.
لَوْلَا جَاؤُوا عَلَيْهِ بِأَرْبَعَةِ شُهَدَاء فَإِذْ لَمْ يَأْتُوا بِالشُّهَدَاء فَأُوْلَئِكَ عِندَ اللَّهِ هُمُ الْكَاذِبُونَ.
މި އާޔަތުގެ މަފުހޫމަކީ؛ އެކަމުގެ މައްޗަށް އެބައިމީހުން ހަތަރުހެކިން ނުގެނައީ ކީއްވެގެން ހެއްޔެވެ؟ ފަހެ، އެއުރެން (އެކަން ދެނެހުރި) ހެކިން ނުގެނައިހިނދު، ފަހެ، ﷲ ގެ ހަޒުރަތުގައި އެއުރެންނީ ހަމަ ދޮގުހަދާ މީހުންނެވެ.
ނޫރު ސޫރަތުގެ 14 ވަނަ އާޔަތުން ފެށިގެން 18 ވަނަ އާޔަތުގެ ނިޔަލަސްހުރި އާޔަތްތަކުގައި މާތް ﷲ ސުބުހާނަހޫ ވަތައާލާ ވަހީކުރައްވާ އަންގަވާފައި ވެއެވެ.
وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ فِي الدُّنْيَا وَالْآخِرَةِ لَمَسَّكُمْ فِي مَا أَفَضْتُمْ فِيهِ عَذَابٌ عَظِيمٌ(14) إِذْ تَلَقَّوْنَهُ بِأَلْسِنَتِكُمْ وَتَقُولُونَ بِأَفْوَاهِكُم مَّا لَيْسَ لَكُم بِهِ عِلْمٌ وَتَحْسَبُونَهُ هَيِّنًا وَهُوَ عِندَ اللَّهِ عَظِيمٌ(15) وَلَوْلَا إِذْ سَمِعْتُمُوهُ قُلْتُم مَّا يَكُونُ لَنَا أَن نَّتَكَلَّمَ بِهَذَا سُبْحَانَكَ هَذَا بُهْتَانٌ عَظِيمٌ(16) يَعِظُكُمُ اللَّهُ أَن تَعُودُوا لِمِثْلِهِ أَبَدًا إِن كُنتُم مُّؤْمِنِينَ(17) وَيُبَيِّنُ اللَّهُ لَكُمُ الْآيَاتِ وَاللَّهُ عَلِيمٌ حَكِيمٌ(18)
ބަޔާންވެދިޔަ އާޔަތްތަކުގެ ޖުމްލަ މަފުހޫމަކީ؛ ދުނިޔެއާއި، އާހިރަތުގައި ތިޔަބައިމީހުންގެ މައްޗަށް ﷲ ގެ ފަލުލަވަންތަކަމާއި، އެކަލާނގެ ރަހުމަތްވަންތަކަން ނެތްނަމަ، ތިޔަބައިމީހުން ދައްކަމުން ގެންދިޔަ ވާހަކަތަކާމެދު، ބޮޑުވެގެންވާ އަޒާބެއް، ތިޔަބައިމީހުންގައި ބީހިއްޖައީސްކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ދޫތަކުން އެ ވާހަކަތައް ލިބިގަންނަމުންދިޔަ ހިނދުގައެވެ. އަދި ތިޔަބައިމީހުންނަށް އެކަމާމެދު އެނގުމެއްނުވާ ކަންތަކުގެ ވާހަކަ، ތިޔަބައިމީހުންގެ އަނގަތަކުން ބުނަމުއެވެ. އަދި ﷲ ގެ ހަޒުރަތުގައި އެކަންތައް ބޮޑުކަމެއްކަމުގައިވާ ހާލު، އެއީ ކުޑަ ކަމެއްކަމުގައި ތިޔަބައިމީހުން ހީކުރަމުއެވެ. ތިޔަބައިމީހުންނަށް އެވާހަކަ އަޑުއިވުނުހިނދު (މިހެން) ތިޔަބައިމީހުން ނުބުނީ ކީއްވެގެން ހެއްޔެވެ؟ މިވާހަކަ ދެއްކުމަކީ ތިމަންމެން ކޮށްގެންވާނެ ކަމެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްތާހިރުވަންތަކަމާއެވެ! މިއީ ބޮޑުވެގެންވާ ބުހުތާނު ދޮގެކެވެ. ތިޔަބައިމީހުންނީ މުއުމިނުން ކަމުގައިވާނަމަ، އެފަދަކަމަކަށް ދުވަހަކުވެސް އެނބުރި ނުދިއުމަށް ﷲ ތިޔަބައިމީހުންނަށް ވައުޒު އިއްވަވައެވެ. އަދި ﷲ ތިޔަބައިމީހުންނަށްޓަކައި އާޔަތްތައް ބަޔާންކޮށްދެއްވައެވެ. ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ހަކީމްވަންތަ އިލާހެވެ.





1 Comment
ޒިނޭގެ ތުހުމަތު ކުރަނީ އެކަމުގައި ބައިވެރިވި ބައިވެރިޔާ. ޢެހެން ކަމަށް ވަނީ ނަމަ އޭނަ އެކަމަށް އިއުތިރާފެއް ނޫންތަ އެވަނީ؟ ދެން ގަޒްފު ގެ ތުހުމަތުގެ ކުރިން ކުރަން ޖެހޭނެ ކަމަކީ އެކަން އެއީ ހިނގި ކަމެއްތޯ ބެލުމެއްނޫންތަ؟ ޙަމައެކަނި ރައީސްގެ ބަހަށް އެކަނި ބަލާގެން ނުވާނެ.