ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދުއަޚްލާގީ އަމަލުތަކެއް ހިންގިކަމުގެ ބޮޑު ތުހުމަތުކޮށް، ”އަދަދު“ ނޫހުން ”އައިޝާ“ ގެ ނަމުގައި ޑޮކިއުމެންޓަރީއެއް ހެދި މައްސަލައިގައި، އެ ނޫހުގެ މެނޭޖިންގް އެޑިޓަރު ހަސަން މުހައްމަދު މިއަދު ފުލުހަށް ހާޒިރު ކުރުމުން، އޭނާ ހަނު ހުރެފިއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ނޫހުން ވަނީ، ނަން ހާމަނުކުރާ މީހަކު ދިން އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް، ރައީސަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ ގޮތަށް ހަދާފައިވާ ޑޮކިއުމެންޓަރީއެއް އާންމުކޮށްފައެވެ. އޭގެ ފަހުން، އަދަދު ނޫހުން މިދިޔަ ހޯމަ ދުވަހުގެ ރޭ ވަނީ، އެ ޑޮކިއުމެންޓަރީގެ މައްސަލައިގައި ފުލުހުން އެ ނޫހުގެ އޮފީސް ބަލައިފާސްކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގާ ގުޅިގެން ހަސަންއަށާއި އަދަދު ނޫހުގެ ސީއީއޯ ފިޔާޒް ވަނީ މިއަދު ފުލުހަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވާފައެވެ. ހަސަން ފުލުހަށް ހާޒިރުވީ މިއަދު ހެނދުނުއެވެ. ފިޔާޒް ހާޒިރުވާން އޮތީ މެންދުރުފަހުއެވެ.
ހަސަންއަށް ފުލުހުން ފޮނުވި ޗިޓުގައި އޮތީ، ކާކުކަން ނޭނގޭ ގޮތަށް އަދި އަޑު ބަދަލުކޮށްގެން ދައްކާފައިވާ ވާހަކަތަކެއް ހިމަނައިގެން އަދަދުން ހެދި ޑޮކިއުމެންޓްރީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުގެ ތުހުމަތުކޮށްފައިވާ ކަމަށް ބެލެވޭތީ ޕޮލިހަށް ހާޒިރުވުމަށެވެ.
ފުލުހުންގެ ތަހުގީގަށް ބަޔާން ދިނުމަށްފަހު، ވަކީލް ސައްޔާހު ހަލީލް ވިދާޅުވީ ހަސަންގެ މައްޗަށް ކުރަނީ އަދަދު ނޫހުން އައިޝާ ނަމުގައި ޑޮކިއުމެންޓްރީއެއް ހެދުމުގައި ބައިވެރިވުން އޮތް ކަމުގެ ތުހުމަތު ކަމަށެވެ.
ނަމަވެސް، ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެ ފާޅުކުރާ ހިޔާލުގެ މަސްދަރު ހާމަނުކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއްކަން ތަހުގީގުގައި ފާހަގަކޮށްފައިވާނެ ކަމަށް ސައްޔާހު ވިދާޅުވި އެވެ.
އެހެންކަމުން، އެ ތުހުމަތުތަކަށް އިންކާރުކޮށް ތަހުގީގުގައި ހަސަން ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައެވެ.
”މިއީ ކަނޑައެޅިގެން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ކުރާ ކަމެއް“ ވަކީލު ސައްޔާހު ވިދާޅުވިއެވެ.
މިކަމާ ބެހޭގޮތުން ހަސަން ބުނީ، އަދަދުން ކުރީ ނޫސްވެރިކަން ކަމަށެވެ. އެކަމަކު، ނޫސްވެރިކަން ރެގިއުލޭޓުކޮށް ނޫސްވެރިކަމާ ގުޅޭ މައްސަލަތައް ބަލަން ވަކި ކޮމިޝަނެއް އުފައްދާފައި އޮތަސް ފުލުހުންގެ ތަހުގީގު ކުރިއަށްގެންދަނީ އެ ކޮމިޝަންގެ ވާޖިބު އަދާކުރަން ހުރަސްއެޅޭ ގޮތަށް ކަމަށް އޭނާ ބުންޏެވެ.




