ސަރުކާރަށް ގެނައި ބަދަލާއެކު މިނިސްޓްރީތަކުގެ އަދަދު މަދުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި އާ ކެބިނެޓަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
އާ މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް، އެކުލަވާލި ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިއަދު ހުށަހެޅިއެވެ.
ނަމަވެސް އެ ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި، އެ ފުރުސަތު ނެންގެވީ ސަރުކާރު ހިންގަވާ ޕީއެންސީއަށް ހިމެނިވަޑަައިގަންނަވާ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެކަންޏެވެ.
އެހެންކަމުން ފަލާހުގެ ވާހަަކަތަކަށްފަހު، ރިޕޯޓަށް ބަހުސްކުރަން ކަނޑައެޅި ފުރުސަތު ނިމުނީކަމަށް ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ނިންމެވިއެވެ.
ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން، މެންޑޭޓް ބަދަލުކޮށް، ކެބިނެޓަށް އައްޔަންކުރެއްވި 14 މިނިސްޓަރުންނަށް ރުހުން ދޭން ކޮމިޓީ މަރުހަލާގައި ފާސްކުރީ އެކަމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގައި 14 މިނިސްޓަރުންނަށް ރުހުންދޭން ވަކިވަކިން ނެގި ވޯޓުގައި ހުރިހާ މިނިސްޓަރުންނަށް ވެސް އަޣުލަބިއްޔަތު ލިބިވަޑައިގެންނެވި އިރު ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ބައެއް މިނިސްޓަރުންނަށް ރުހުން ދޭން ނުފެންނަ ކަމަށް ވެސް ވޯޓުދެއްވިއެވެ.
ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ އެމްޑީޕީގެ 12 މެންބަރުން ވެސް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދަށެވެ. އަދި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ކްލައިމެޓް މިނިސްޓަރު އަލީ ޝަރީފަށް ރުހުން ދޭން ނުފެންނަ ކަމަށް އެމްޑީޕީގެ ފަސް މެންބަރަކު ވޯޓު ދެއްވިއެވެ.
މި ސަރުކާރުގެ މިހާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވަނީ:
1. ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރަކަށް މޫސާ ޒަމީރު
2. ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހްސާން
3. ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް
4. ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
5. އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
6. އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
7. ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
8. އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދު
9. އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބް
10. ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް
11. އެޑިއުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އިސްމާއިލް ޝަފީއު
12. ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
13. ޑިފެންސް އެންޑް ނޭޝަނަލް ސާވިސް މިނިސްޓަރަކަށް ހަސަން ރަޝީދު
14. ފިޝަރީޒް މިނިސްޓަރަކަށް އަހުމަދު ޝިޔާމް
15. ބަންޑާރަ ނައިބު އަހުމަދު އުޝާމް



