ސިޔާސީ ޕާޓީއަކުން މެމްބަރަކު ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފު ނުވާ ކަމަށާއި އެ އިސްލާހު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ޤާނޫނީ ވަކީލު އަދި ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ވެސް ހިލާފު އިސްލާހެއް ކަމަށް ވިދާޅުވެއެވެ.
އެގޮތުން ޤާނޫނުއަސާސީގެ:
° 4 ވަނަ މާއްދާގައި ބުނަނީ، ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައިކަން
° 8 ވަނަ މާއްދާގައި ބުނަނީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަންވާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިންކަން
° 26 ވަނަ މާއްދާގައި އޮންނަނީ ވޯޓު ދިނުމާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގުތައް
° 75 ވަނަ މާއްދާގައި އޮންނަނީ މަޖިލީހުގެ މެންބަރު މަސައްކަތުގައި ރިއާޔަތްކުރަން ޖެހޭ ކަންކަން؛ އެގޮތުން، އެއްވެސް ކަހަލަ ޒާތީ މަސްލަހަތެއް އިސްކޮށްގެން ނުވާނެ ކަމަށާއި އިސްކުރަންވާނީ ގައުމީ މަސްލަހަތާއި ދިވެހި ރައްޔިތުންގެ ޖުމުލަ މަސްލަހަތަށް
° 90 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ މެންބަރަކު ތަޅުމާއި ކޮމިޓީގައި ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ވޯޓު ދޭ ގޮތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅޭނެކަން
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުރިހަމަ ބެންޗުން ބެލި މި މައްސަލާގައި، މިއަދު ހުކުމްކުރީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކުގެ މައްސަލަތައް ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމާއި، ނަމަވެސް ހުށަހަޅާފައިވާ މައްސަލާގައިވާ އިސްލާހު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
މި ގޮތަށް ހުކުމްކުރީ އޭގެ ތެރެއިން 5 ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.



