އަޒަރުބައިޖާނަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އާ ނުލައި ނުވަދިހަ (90) ދުވަހުގެ މުއްދަތަށް އެ ޤައުމަށް ޒިޔާރަތް ކުރެވޭގޮތަށް މިއަދުން ފެށިގެން ހަމަޖައްސައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، 24 ސެޕްޓެމްބަރ 2025 ގައި ދިވެހިރާއްޖެ އާއި އަޒަރުބައިޖާން އާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްޒެމްޝަން އެއްބަސްވުމަށް މިއަދު ޢަމަލުކުރަން ފެށުމާ އެކު، އޯރޑިނަރީ ޕާސްޕޯޓުގައި ދިވެހިންނަށް ގިނަވެގެން ނުވަދިހަ (90) ދުވަހުގެ މުއްދަތަށް އަޒަރުބައިޖާންގައި ވިސާ އާ ނުލައި މަޑުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން، 18 ޖޫން 2025 އިން ފެށިގެން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައި ވެސް ވިސާ އާ ނުލައި އަޒަރުބައިޖާނަށް ދަތުރު ކުރެވޭގޮތަށް ވަނީ ދެ ޤައުމުގެ ދެމެދުގައި ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ހަމަޖެހިފައެވެ.
ނަމަވެސް، އެ ޤައުމުގައި ދިގު މުއްދަތަކަށް ތިބުމަށާއި، ވަޒީފާ އަދާކުރުމާއި ތަޢުލީމް އުނގެނުމަށް ނުވަތަ ވިޔަފާރި ކުރަން ގަސްދުކުރާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ކަނޑައެޅިފައިވާ ވިސާއެއް ހޯދަންޖެހޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
މި އެއްބަސްވުމަށް ޢަމަލުކުރަން ފެށިގެން ދިއުމަކީ ދިވެހީންނަށް ވިސާ އާ ނުލައި އަޒަރުބައިޖާން އަށް ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައިވެސް އެ މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ.




