މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް 267,000 އަށް ވުރެ ގިނަ މީހުން ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފި އެވެ.
ސައުދީގެ ޖެނެރަލް ޑިރެކްޓޮރޭޓް އޮފް ޕާސްޕޯޓްސް(ޖަވަޒާތު) އިން ބުނީ މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް އާދީއްތަ ދުވަހުގެ ނިޔަލަށް 267,657 މީހުން އެތެރެވެފައިވާކަމަށެވެ. މީގެ ތެރެއިން ގިނަ މީހުން ސައުދީއަށް އެތެރެވެފައިވަނީ ވައިގެ ބަނަދަރުން ކަމަށާއި، އެހެންނަމަވެސް އެއްގަމާއި ކަނޑުމަގުންވެސް މީހުން ދިޔަ ކަމަށް ޖަވަޒާތުން ބުނެފައި ވެއެވެ. އެއްގަމުން މަގުން ވަދެފައިވަނީ ސައުދީއާއި އެއްފަސްވެފައިވާ އަވަށްޓެރި ގައުމުތަކުގެ މީހުންނެވެ.
ޖަވަޒާތުން ބުނީ ހައްޖުގެ އަޅުަކަމަށް މީހުން ސައުދީއަށް ދަތުރުކުރަން ފަށާފައިވަނީ މިމަހުގެ 9 ވަނަ ދުވަހު ކަމަށާއި، ދުވާލެއްގެ މައްޗަށް 10،000އަށް ވުރެ ގިނަ މީހުން މައްކާއައި މަދީނާއަށް އެތެރެވަމުން އަންނަކަމަށެވެ. ޖަވަޒާތުން ވަނީ ހައްޖުގެ އަޅުކަމަށް ސައުދީއަށް ދާ މީހުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން، އެގައުމަށް އެތެރެވުމަށް ބޭނުންކުރާ ވަސީލަތުގެ ފެންވަރު ރަނގަޅުކޮށް އޮންލައިންކޮށް ޚިދުމަތްދެވޭނެ އިންތިޒާމުތައް ހަމަޖައްސާފަ އެވެ. މި ޚިދުމަތްތައް ދެނީ އެކަމަށް ގާބިލު ފަންނުވެރިންކަމަށް ޖަވަޒާތުން ބުނެފައި ވެއެވެ.


