އެސްއެމްއީ ޑިޖިޓަލްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެންޑަރުންނަށް ހުޅުވާލައިފިއެވެ.
މިއީ ހުރިހާ ބާވަތެއްގެ މުދަލާއި ޚިދުމަތްދޭ ފަރާތްތަކަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރެވެ.
އެސްއެމްއީ ޑިޖިޓަލްއިން ”އެކްސް“ ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، މުދަލާއި ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލްގައި ވެންޑަރެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މީގެ އެންމެ މުހިންމު ބޭނުމަކީ އެސްއެމްއީ ޑިޖިޓަލް ފައިނޭންސިން މެދުވެރިކޮށް ތަކެތި ގަތުމަށް ހުށަހަޅާ ފަރާތްތަކަށް މުދަލާއި ޚިދުމަތް ހޯދޭނެ ތަންތަން އިތުރުކޮށްދިނުން ކަމަށް ވެސް ބުންޏެވެ.
އެސްއެމްއީ ޑިޖިޓަލްގެ ވެންޑަރ ރަޖިސްޓްރޭޝަން ފޯމު މެދުވެރިކޮށް ވެންޑަރުންނަށް ފަސޭހަކަމާއިއެކު ފޯމު ފުރާލުމަށްފަހު ރަޖިސްޓަރ ކުރެވޭނެއެވެ. ރަޖިސްޓަރ ކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.
މިހާރުވެސް ބައެއް ވެންޑަރުން ވަނީ އެސްއެމްއީ ޑިޖިޓަލްގައި ރަޖިސްޓްރީ ކޮށްފައެވެ. ވެންޑަރުން ރަޖިސްޓްރީކުރުމުގެ ސަބަބުން އޮޅުވާލައިގެން ފައިސާ ހޯދައި މުދަލާއި ޚިދުމަތް ނުލިބިގެން ދިމާވާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ ބުނެފައެވެ.
އަމާޒަކީ އެސްއެމްއީ ޑިޖިޓަލްއަކީ ހަމައެކަނި ފައިނޭންސިން ފޯރުކޮށްދޭ ތަނެއްގެ ބަދަލުގައި، ކުދި ވިޔަފާރިތަކުގެ ހުރިހާ މަރުޙަލާއެއްގައި އަމަލީގޮތުން ބައިވެރިވާ މުއައްސަސާއަކަށް ހެދުން ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަން މީގެކުރިން ވަނީ ވިދާޅުވެފައެވެ.




